20 Nov 2014, 14:36
ސްކޫލްތަކުގެ ތެރެއިން މަސައްކަތުގެ އިލްމާއި ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އެ މަގުސަދު ހާސިލްކުރުމަށްޓަކައި ފުރަތަމަފަހަރަށް ރާއްޖޭގެ ސްކޫލްތަކުގައި ފުޅާދާއިރާއެއްގައި ދަރިވަރުންނަށް ބައިވެރިވެވޭ ގޮތައް މަސައްކަތްތެރިކަމުގެ ތަމްރީނު ހުޅުވާލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ދިރާސީ އަހަރު ނިމުމާ ގުޅިގެން އެކަމަނާ ދެއްވި ޚިތާބެއްގައި ވިދާޅުވީ، ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ ވެސް ގައުމުގެ އިގްތިސޯދުގައި ޝާމިލްވާން ޖެހޭ ކުއްޖަކަށް ވާތީ ސްކޫލްތަކުގެ ތެރެއިން މަސައްކަތުގެ އިލްމާއި ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ގައުމުގެ ކުރިމަގު އުޖާލާ ކުރެވޭނީ ޒުވާނުންގެ އެންމެ އުފެއްދުންތެރި އުމުރުގައި އެ ޒުވާނުން އިގްތިސޯދީގޮތުން ހަރަކާތްތެރި ކުރުވައިގެން. ޒުވާނުންގެ ހިތްވަރާއި ބުންވަރު ގައުމުގެ ތަރައްގީގައި ބޭނުންކޮށްގެން. ޒުވާން ލެޔާއި ހަކަތައާއި ޖޯޝް ގައުމުގެ އިގްތިސޯދު ހަރުދަނާކުރުމަށް ބޭނުންކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ސްކޫލްތަކުގެ ތެރެއިން ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތައް އިތުރުކޮށް އެކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ އުފާވެރި މުނާސަބަތާ ދިމާއަށް ދަތުރުކުރަމުން އަންނަ އިރު އެ މިނިސްޓްރީގެ އެންމެ އިސް ވާޖިބަކީ ދިވެހި ގައުމުގެ ދީންކަމުގައިވާ އިސްލާމްދީނުގެ އަސާސްތައް ކުރިއަށް ނެރޭ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތްކުރުމަށް ތައްޔާރަށްތިބި ދަރިވަރުންތަކެއް ބިނާ ކުރުން ކަމަށެވެ.
އެހެންކަމުން އެ ވާޖިބު އަދާކުރުމަށްޓަކައި އެންމެ ދަރިވަރަކުވެސް ބާކީނުކޮށް ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތާއި ތަމްރީނު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލިބިފައިވާ އުނގެނުމުގެ ފުރުސަތުން އެންމެ ދުވަހެއްވެސް ނަގާނުލައި ކުރިއަށް ދިއުމަކީ މުހިންމުކަމެއް ކަމަށާއި މި ޗުއްޓީގައި އާއިލީގުޅުން ވަރުގަދަކޮށް ތިމާގެފުށުން މުޖުތަމައަށާއި އާއިލާއަށް ފައިދާވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ސްކޫލް ކުދިންގެ ފަރާތުން މިނިސްޓަރު އެދިވަޑައިގަތެވެ.