މާފަންނުގައި ހަދަމުން ގެންދާ އިމާރާތެއްގެ މަތިން އިއްޔެ ވެއްޓުނު މީހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އެޅިފައިވާ ކަމަށް އައިޖީއެމްްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ، އިމާރާތުގެ މަތިން ވެއްޓި އެމީހާގެ ބޮޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އަދި ސިކުނޑިއަށް ލޭ އެޅުމުގެ އިތުރުން އެމީހާއަށް އެކިކަހަލަ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހާގެ ބޮލަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ. އިންޓާނަލް ބްލީޑެއްގެ ސަބަބުން އެމީހާގެ ހާލު އަދިވެސް ވަރަށް ކްރިޓިކަލް،" ޒީނަތު ވިދާޅުވި އެވެ.

ވެންޓިލޭޓަރުގައި އޮތް އެމީހާއަށް އިމަޖެންސީ ރޫމްގައި ފަރުވާދިނުމަށް ފަހު މިއަދުގެ ވަގުތެއްގައި އައިސީޔޫއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަ ބުރިއަށް އިމާރާތްކޮށްފައިވާ އިމާރާތެއްގެ މަތިން އިއްޔެ ވެއްޓުނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެމީހާ އެގޭ މަތިން ވެއްޓި ޖެހުނީ އެގޭގެ ދެވަނަ ފަންގިފިލާގަ އެވެ.