މާލޭގެ މަގުތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެ މުއްދަތު ހަމަވުމާ އެކު ހައުސިން މިނިސްޓްރީން އިއްޔެ އަލުން ވަނީ އެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ބުނެ އިއުލާންކޮށްފަ އެވެ.

ހައުސިން މިނިސްޓްްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި މުއްދަތު އިތުރު ކުރީ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތު ބޭނުންވާ ކަމަށް ޕްރޮޕޯސަލްތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެދުމުން ކަމަށެވެ.

"ބިޑް ކުރަން ބޭނުންވާ ފަރާތްތަކުން އެދިގެން މުއްދަތު އިތުރުކުރީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އިއްޔެގެ ނިޔަލަށް 11 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

މާލޭގެ މަގުތައް ތަރައްގީކުރުމުގެ އެ ޕްރޮޖެކްޓްގެ ދަށުން މަގުތައް ޑިޒައިން ކުރުމާއި މެނޭޖްމަންޓް ކޮންސަލްޓަންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މާލޭގެ މަގުތަކަކީ ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައިވާ މަގުތަކެކެވެ. ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގެ ބޮޑު ބައެއްގައި އުނދަގޫވާ ވަރަށް ފެންބޮޑުވެ އެވެ. އަމީނީ މަގުން ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާ ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. އަދި ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައި ވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ.