20 Nov 2014, 13:39
ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލްތަކުގެ ދަރިވަރުންނަށް ރިޕޯޓު ފޯމު ހަވާލު ކޮށް ސްކޫލުތައް ބަންދުކޮށްފިއެވެ.
ހުރިހާ ގްރޭޑް ތަކެއްގެ ދަރިވަރުންނަށް ރިޕޯޓު ފޮތް ދީފައިވާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް މިއަދު ރަސްމީކޮށް ބަންދު ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފައިވެ އެވެ.
ކިޔެވުމުގެ އެއް އަހަރު ނިމިގެން ދިޔައިރު މިއަހަރު 196 ދުވަހަކު ކިޔަވައިދީފައިވާއިރު އަންނަ އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީ އިން ހަމަޖައްސާފައިވަނީ އަންނަ އަހަރު ޖެނުއަރީގެ 11 ގައެވެ. މިއަހަރުގެ ފުރަތަމަ ޓާމުގައި 95 ދުވަސް ކިޔަވާފައިވާއިރު ދެ ވަނަ ޓާމުގައި ކިޔެވުމަށް ހަމަޖައްސާފައި ވަނީ 101 ދުވަހު އެވެ. ނަމަވެސް ގްރޭޑު ނުވަޔަކުން ދަށުގެ ދަރިވަރުންނަށް ރޯދަމަހުގެ ކިޔެވުން މިނިސްޓްރީ އިން މެދުކަނޑާލުމާ ގުޅިގެން ދެވަނަ ޓާމުގައި އެކުދިން ކިޔަވާފައިވަނީ 72 ދުވަހު އެވެ.
މިދިޔަ އަހަރުގެ ކިޔެވުން ޖެނުއަރީ 14 ފެށި އިރު ފުރަތަމަ ޓާމު ނިމުނީ ޖޫން ފަހެއްގައެވެ. އަދި ދެވަނަ ޓާމް މިޔަދު ނިމުން އިރު އެ ޓާމް ފައްޓާފައިވަނީ ޖޫން 15 ގައެވެ. މިއަހަރު ތިން ޕްރޮފެޝަނަލް ޑިވެލޮޕްމެންޑް ދުވަސް ބާއްވާފައިވެ އެވެ.
ދިރާސީ އާ އަހަރު 202 ދުވަހު ކިޔެވުމަށް މިނިސްޓްރީ އިން ހަމަ ޖައްސާފައިވާއިރު ޖޫން ހަތަރެއްގައި ނިމޭ ފުރަތަމަ ޓާމުގައި ކިޔަވާނީ 99 ދުވަހު އެވެ. ޖޫން 14 ގައި އަންނަ އަހަރު ކިޔެވުމުގެ ދެ ވަނަ ޓާމް ފަށާއިރު މަތީ ސާނަވީ ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ސްކޫލް އެދުވަހު ފެށޭނެ އެވެ. އަންނަ އަހަރުގެ ކިޔެވުން ނިމޭނީ ނޮވެމްބަރު 24 ގައެވެ.
އަންނަ އަހަރު އައު މަންހަޖަށް ކިޔަވައި ދޭން ފަށާނެ ކަމަށް މިނިސްޓްރީ އިން ބުނި ކަމުގައިވިޔަސް މިއަހަރުގެ އެކެޑެމިކް ކަލަންޑަރާ އަންނަ އަހަރުގެ ކަލަންޑަރަށް ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.
މިނިސްޓްރީ އިން ބުނީ އައު މަންހަޖަށް ކިޔަވައިދޭން ފެއްޓުމުން ކަލަންޑަރުގައި ބަދަލުތަކެއް ނެތް ކަމުގައިވިޔަސް ދަރިވަރުން ކިޔަވަން ޖެހޭ މާއްދާތަކާއި ސްކޫލްތަކުގައި ހޭދަ ކުރަންޖެހޭ ވަގުތަށް ބަދަލު ތަކެއް އަންނާނެ ކަމަށެވެ.