20 Nov 2014, 13:32
މިނިވަން މުއައްސަސާތަކުގެ ބަޖެޓު ބޮޑުކުރާ ކަމަށް ވަނީ ނަމަ ސަރުކާރުން ރާވަފައިވާ ތަރައްގީގެ މަޝްރޫއުތައް ޖެހޭނީ ހުއްޓައިލާން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ، ސަރުކާރުގެ ވައުދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދިނުން ކަމަށެވެ.
ނަމަވެސް މި ސަރުކާރަކުން އެއްވެސް މިނިވަން މުއައްސަސާއެއްގެ ބާރު ކަނޑުވާލަން މަސައްކަތް ނުކުރައްވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މިނިވަން މުއައްސަސާތައް މިނިވަންކަން މަތީގައި ބޭއްވުން ކަމަށްވެސް ޖިހާދު ވިދާޅުވި އެވެ.
"މިސަރުކާރުގެ ވިސްނުމަކީ މިނިވަން މުއައްސަސާތައް މިނިވަންކަން މަތީގައި ބޭއްތިއްބުން. ދައުލަތުން ބަޖެޓު ފޯރުކޮށްދޭނީ ދައުލަތަށް އެވަގުތެއްގައި ފޯރުކޮށްދެއްވެން އޮތް ގޮތަކަށް. މިސަރުކާރުގެ ވިސްނުމަކީ އިންވެސްޓްމަންޓް ފުޅާކުރުން. ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމައާއި މަގުތައް ހެދުމާއި މިކަހަލަ ކަންތައް ކޮށްދިނުން،" ޖިހާދު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ބައެއް ޕާޓީތަކުގެ މެންބަރުން ވިދާޅުވީ، މުއައްސަސާތަކުން އެދޭ ވަރަށް ނޫން ކަމުގައި ވިޔަސް ކޮންމެވެސް އެއްޗެއް ބަޖެޓަށް އިތުރުކޮށްދެއްވުމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ، އެބޭފުޅުން އުއްމީދު ކުރައްވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް މުއައްސަސާތަކަށް ލިބޭނެ ކަމަށެވެ.
"ހާއްސަކޮށް ޔުނިވާސިޓީއަށް އެބޭފުޅުން އެވިދާޅުވާ ވަރު ދިނުން ވަރަށް މުހިއްމު،" އިބޫ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ، ބަޖެޓު ކޮމިޓީގައި ތިއްބަވާ މެމްބަރުންވެސް އެބޭފުޅެއްގެ ދާއިރާއަށް ތަރައްގީގެ މަޝްރޫއުތައްވެސް ގެންނަން ބޭނުންވާނެ ކަމަށެެވެ. އެއްވެސް މެމްބަރެއްގެ ދާއިރާއާ ގުޅިފައިވާ މަޝްރޫއެއް ހުއްޓާލަން ބޭނުންފުޅު ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"މީޑިއާ މިތާ (ބަޖެޓް ކޮމިޓީ) ގައި ހުރީމާ އެހެން އެއްޗެއް. ބޭރަށް ނުކުމެފައި އެހެން އެއްޗެއް. މީޑިއާ މިތާ އޮތެކޭ ކިއާފައި ކޮން އޮޅުވާލުމެއް މި އޮޅުވާލަނީ،" ރިޔާޒް ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީން ވަނީ ފާއިތުވި ދެދުވަހުގެ ތެރޭގައި ހަތް މިނިވަން މުއައްސަސާއަކާ ބައްދަލުކުކޮށްފައި އެވެ. އަދި އެބައްދަލުވުން ތަކުގައި ވަނީ އެ މުއައްސަސާތަކަށް ބަޖެޓު ނެތުމުން ދިމާވާ ދަތިތައް މެމްބަރުންނާއި ހިއްސާ ކުރައްވާފައި އެވެ.