20 Nov 2014, 13:09
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަމީރަކު މެރުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އަރަބް ނިއުސް އިން ބުނީ، އަމީރަކު މަރަން ކޯޓުން ހުކުމްކުރީ 2012 ވަނަ އަހަރު އެ ގައުމުގެ ވެރިރަށް ރިޔާޟުގެ ޘުމާމާ އަވަށުގައި އޭނާއަށް ވުރެ ހަގު އޭނާގެ އެކުވެރިއެއްގެ ގަޔަށް ބަޑިޖަހައި މަރައިލި ކަމުގެ ކުށުގައި ކަމަށެވެ. ނަމަވެސް މަރުގެ ހުކުމް އައި އަމީރުގެ ނަމެއް އެނޫހުން ހާމައެއް ނުކުރެއެވެ.
ޘުމާމާގެ ކޭމްޕެއްގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ހަމަނުޖެހުމެއްގައި ބަޑީގެ ހަމަލާ ބަދަލު ކުރި އިރު އަމީރުގެ އެކުވެރިޔާ އަދީލް އަލް މަހައިމިދު މަރުވުމުގެ އިތުރުން އެހެން މީހަކު ޒަހަމްވެސް ވި ކަމަށް އަރަބް ނިއުސްގެ ހަބަރުގައި ވެއެވެ. އެ ހަބަރުގައި ބުނެފައި ވަނީ އަމީރު ދިން ބަޑީގެ ހަމަލާއިން މަރުވީ އޭނާގެ އެކުވެރިޔާކަން އެނގުމުން ފުލުހުންނަށް އެކަން އެންގީ އޭނާ އަމިއްލައަށް ކަމަށެވެ.
އަދީލުގެ ގާތިލަށް މަރުގެ ހުކުމް އައުމުން އޭނާގެ ބޮޑުބޭބެ އަބުދުއް ރަހުމާން އަލް ފަލަޖް ވަނީ ސޯޝަލް މީޑިއާގެ ސައުދީ ޝަރުއީ ނިޒާމަށް ތައުރީފުކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ ޝަރުއީ ނިޒާމު އޮންނަ ގޮތުން މަރުގެ ހުކުމް އައި އަމީރަށް އެމައްސަލަ އަދި އިސްތިއުނާފު ކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެވެ. އަދި އެކޯޓުން ހުކުމަށް ތާއީދުކޮށްފި ނަމަ ސުޕްރީމް ޖުޑިޝަލް ކައުންސިލަށް ވެސް ހުށަހެޅޭނެ އެވެ.