ހައުސިން މިނިސްޓްރީގެ ބޭނުމަކަށް، ފަސް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގެ ދަށުން ބީލަން ފޮތް ވިއްކުމަށް ދީފައިވާ މުއްދަތު މި މަހު 27 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފި އެވެ.

ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ފަސް ރަށަކީ އދ. ފެންފުށި ބޭރުތޮށި ހެދުމާއި ހދ. ކުމުންދޫ ބޭރުތޮށި މަރާމާތު ކުރުމާއި ޅ. ނައިފަރު ބޭރުތޮށި މަރާމާތު ކުރުމާއި އއ. ހިމަންދޫ ހާބަރު ހެދުމުގެ އިތުރުން ތ. އޮމަދޫ ހާބަރު ހެދުމުގެ މަސައްކަތެވެ.

އެކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މި މަހު 27ގެ ނިޔަލަށް ބަނދު ނޫން ކޮންމެ ދުވަހަކު 8:30 އިން މެންދުރުފަހު 2:00 އަށް އެ މިނިސްޓްރީން ކަމަށެވެ. ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ 1500 ރުފިޔާ ކަމަށާއި ފައިސާ ދެއްކުމުން ބީލަން ފޮތްތައް ސޮފްޓް ކޮޕީ ފޯމެޓްގައި އެ މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދުވަސް ކަމަށެވެ. އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓެރެކްޓް އަގުގެ ފަސް ޕަސެންޓް ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއަހަރު އޭޕްރީލް މަހުން ފެށިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓަރީގައިވާ ގްރޭޑްތަކަށް ކޮލިފައިވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.