20 Nov 2014, 12:11
ރިސޯޓު ހެދުމަށް އުތުރުގެ ދެ އަތޮޅަކުން ފަސް ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ އަލަށް ރިސޯޓް ހެދުމަށް ހުޅުވާލި ފަސް ރަށަކީ ހދ. ދިއްޕަރުފުއްޓާއި އެއަތޮޅު ކަނަމަނާގެ އިތުރުން އެއަތޮޅު ކުޑަފަރުފަސްގަނޑާއި އެއަތޮޅު އޮންނަ ޖޮއޮގްރަފިކް ފަޅެއްގެ އިތުރުން ށ.ބޮލިއްސަފަރު އެވެ. އޭގެ ތެރެއިން ކަނަމަނަ އާއި ކުޑަފަރުފަސްގަނޑު އާއި ހދ. އަތޮޅުގެ ފަޅު ތަރައްގީ ކުރެވޭނީ އެއް ޕުރޮޖެކްޓެއްގެ ދަށުން ކަމަށް އެ މިނިސްޓުރީއިން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރިސޯޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީއާއެކު ޝައުގުވެރިކަން ހުށަހަޅާ ފަރާތެއްގެ ޕްރޮފައިލް އާއި ޝައުގުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުންތަކާއި ޝައުގުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއްކަން އަންގައިދީ ބޭންކަކުން ދީފައިވާ ލިޔުން ހުށައަޅަން ޖެހޭނެ ކަމަށެވެ.
އެ ލިޔުންތަކާ އެކު އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އަށް ހުށައަޅަން ޖެހޭ އިރު އެ ބީލަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ 27 ވަނަ ދުވަހު މެންދުރު 2:00ގައި ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އިއްޔެ ވަނީ ރިސޯޓު ހެދުމަށް އުތުރުގެ ތިން އަތޮޅަކުން ހަތަރު ރަށެއް ބީލަމަށް ފަހު ބާތިލްކޮށްފައެވެ. އޭގެ ތެރޭގައި މިއަދު އިއުލާންކުރި ދެ ރަށް ކަމުގައިވާ ދިއްޕަރުފުއްޓާއި ށ. ބޮލިއްސަފަރު ހިމެނެއެވެ.
އަލަށް ހަތަރު ރިސޯޓެއް ބީލަމަށް ލާފައިވާ އިރު ހދ. އަތޮޅުގައި ފަސް ރިސޯޓެއް ހެދުމަށް ދާދިފަހުން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. މިއަދު މިނިސްޓްރީއިން އިއުލާންކުރި ބައެއް ރަށްތައް އޭގެ ތެރޭގައި ހިމެނެއެވެ. އަންނަ އަހަރު އެކަނިވެސް ހަ ރިސޯޓް ހެދުމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.