ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރާ ވަޑައިގެންފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ޗައިނާ އަށް ކުރައްވާ އެ ދަތުރުފުޅުގައި ފުރާވަޑައިގަތީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށާއި އެ ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ބްރިގޭޑިއާ ޖެނަރަލް އަހުމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނަވާ ކަމަށެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ، ޗައިނާ އެސޯސިއޭޝަން ފޯ މިލިޓަރީ ސައިންސް (ކެމްސް) އިން އިންތިޒާމްކޮށްގެން ބެއިޖިން ގައި މިމަހުގެ 20 އިން 21 އަށް ބާއްވާ ފަސް ވަނަ "ޒިއަންޝަން ފޯރަމް 2014"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މިއީ ކައުންޓާ ޓެރަރިޒަމް، މެރިޓައިމް ސެކިއުރިޓީ އަދި ރީޖަނަލް ސެކިއުރިޓީ އާކިޓެކްޗާ އާއި މިނޫން ވެސް ސެކިއުރިޓީ އާ ގުޅޭ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން ސަރަޙައްދީ ގައުމުތަކުގެ ޑިފެންސް އަދި ސެކިއުރިޓީ ދާއިރާތަކުގެ ހައިޕްރޮފައިލް ބޭފުޅުންނާއި އެކްސްޕާޓުންގެ މެދުގައި ހިޔާލު ބަދަލުކޮށް މައުލޫމާތު ބަދަލުކުރުމަށްޓަކައި ބޭއްވޭ ފޯރަމެކެވެ.

މި ދަތުރުފުޅުގައި ނާޒިމް ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ޗެން ވެންގަން އާ ބައްދަލުކުރައްވައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މިފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ ވަފުދުތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި އެ ގައުމުތަކުން ވެސް ދިވެހި އަސްކަރިއްޔާ އަށް ލިބެން ހުރި އެހީތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ޗައިނާގެ ވައިސް މިނިސްޓާ އޮފް ނޭޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިން ކޮމިޝަން އާއި ބައްދަލުކުރައްވައި ސިއްހީ ދާއިރާ އިން ރާއްޖެއަށް ލިބެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.