20 Nov 2014, 11:36
ޓުއަ ގައިޑުންނަށް މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް ޓުވާ ގައިޑުންގެ ޖަމިއްޔާ ކަމުގައިވާ ޓުއަ ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ޓުއަ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ސަން އަށް މިއަދު ވިދާޅުވި ގޮތުގައި ޓުއަ ގައިޑުންނަށް އެތައް ގޮންޖެހުމަކާ ކުރިމަތިވާތީ އެ މަސައްކަތް މިހާރު ކުރެވޭ ވަރެއް ނޫނެވެ. އެގޮތުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޓުއަ ގައިޑުކަން ކުރުން ހުއްދަ ނެތް ފަރާތްތަކުން އެ މަސައްކަތް ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކަމަށް ޝިޔާމު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ޓުއަ ގައިޑުންގެ އަގު ވަރަށް ބޮޑަށް ވެއްޓެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓުއަ ގައިޑް ފާސް ނެތި އެތައް ބަޔަކު އެބައުޅޭ، ޓިޕުސް ނުދީގެންނޭ ކިޔާފައި ޓޫރިސްޓުންގެ ގައިގައި ޖަހާފައި އެބަހުރި، ލާރި މާރުކުރަންކަމަށް ބުނެ ޓޫރިސްޓުންގެ އަތުން ފައިސާ ހިފައިގެން ފިލާފައި ވެސް އެބަހުރި، މިއީ މި އިންޑަސްޓްރީއަށް ލިބޭ ކިހާބޮޑު ގެއްލުމެއް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ހުއްދަ ނެތި ޓުއަ ގައިޑުކަން ކުރާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅޭ ކަމަށާއި ރާއްޖެ އާ ގުޅޭ ގޮތުން އެމީހުން ދޮގު މައުލޫމާތު ފޯރުކޮށްދޭއިރު ރާއްޖެ ނައިސް އަވައްޓެރި އެހެން ގައުމުތަކަށް ދަތުރުކުރުމަށް ޓޫރިސްޓުންގެ ކައިރި ބުނާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުން މާލެ އައިސް އެމީހުން މަޑުކޮށްލައި ފާހާނާ ކޮށްލެވޭނެ އިންތިޒާމްތައް ހަމަޖެހިފައިނުވުމާއި އެމީހުން ގޮވައިގެން އެންމެ ގިނައިންދާ ސަލްޓަން ޕާކަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ވެސް ބޮޑެތި މައްސަލަތަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
"ޓޫރިސްޓުން ގޮވައިގެން ސަލްޓަން ޕާކަށް ދާއިރު އެބަތިބޭ ހަކުރު ބޯން ވެސް، ނޫނީ ބަދުއަހުލާގީ އަމަލުހިންގަން ވެސް، ހަމައެގޮތަށް އެޕާކަށް އަބަހުރި ކުނި އުކާފައި ވެސް، މިދެވެނީ ރާއްޖެއާ ގުޅޭ ކިހާ ގޯސް ތަސައްވަރެއް ނޫންތޯ." ޝިޔާމް ވިދާޅުވި އެވެ.
ޓުއަ ގައިޑުންގެ ގަވައިދެއް ހަދައި ގެޒެޓް ކޮށްފައިވީ ނަމަވެސް އެއަށް އަމަލު ކުރަމުން ނުދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ޓުއަ ގައިޑުންގެ ޝަކުވާތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓުރީގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ އިރު އެމިނިސްޓްރީ އިން ޓުވާގައިޑް އެސޯސިއޭޝަން އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެގަވައިދު ތަންފީޒު ކުރުމަށް ޓަކައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެޒެޓްކޮށްފައިވާ އެ ގަވާއިދު ބުނާ ގޮތުން ޓުއަ ގައިޑް ފާސްނެތި ގައިޑްކަންކޮށްފި ނަމަ ފުރަތަމަ ފަހަރު 25000 ރުފިޔާ އިން އަދި ދެ ވަނަ ފަހަރު 50،000 ރުފިޔާ އިން އަދި ތިން ވަނަ ފަހަރު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ޓުއަ ގައިޑަކު ރާއްޖެ ބަދުނާމްވާ ފަދަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ އެވެ. އަދި ޓުއަ ގައިޑަކު ޑިއުޓީ ވަގުތު ބޭ އަދަބީ ބަހުން ވާހަކަ ނުދެއްކުމަށް ބުނެފައިވެ އެވެ. އަދި އެގަވައިދާ ހިލާފު ވެއްޖެ ނަމަ ޓުއަ ގައިޑް ފާސް ހިފެހެއްޓުމުގެ ބާރު ޓޫރިޒަމް މިނިސް ޓްރީ އަށް ދީފައިވެ އެވެ.