20 Nov 2014, 11:04
މައްޝޫރު ފުޓްބޯޅަ ތަރި ލައޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމުގެ ހަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި، މެސީގެ ކުރިމަގު އޮތީ ބާސާއާ އެކު ކަމަށާއި އޭނާ ބާސާ ދުލެއް ނުކޮށްލާނެ ކަމަށް މެސީގެ ބައްޕަ، ޖޯޖް މެސީ ބުނެފި އެވެ.
ސްޕެއިންގެ "ލަ ވެންގާޑިއާ" އަށް އިއްޔެ ދިން ބަސްދީގަތުމެއްގައި، އޭނާ ބުނެފައި ވަނީ މެސީ ދައްކާފައި ވަނީ ބާސަގައި ހުންނަން ބޭނުންވާ ވާހަކަ ކަމަށާއި އެ ހަބަރު ފެތުރި މީހުން މެސީ ދެއްކި ވާހަކައިގެ މާނަ ނަގާފައި ވަނީ ނުބައިކޮށް ކަމަށެވެ.
"މެސީގެ ވިސްނުން ހުރީ ބާސާގައި މަޑުކުރަން. އޭނާ ބާސާ ދޫކޮށްލާ ފަދަ ހަބަރެއް ފެތުރިގެން މި އުޅެނީ މީހުނަށް އޭނަ ބުނި އެއްޗެއްގެ މާނަ ނުބައިގޮތުގައި ނެގުމުން. ކްލަބުން އިސްނަގައިން މެސީ ދޫކޮށްލަން ރަނގަޅު ފުރުސަތެއް ލިބި އެ ފުރުސަތުގެ ބޭނުން ކުރަންޏާ އެއީ ވިސްނާލަން ޖެހޭ ކަމެއް. އެކަމު އެއީ ބާސާގެ އޭޖެންޑާގައި އަދި އޮތް ކަމެއް ނޫން،" އޭނާ ބުންޏެވެ.
ބެލެންޑޯ ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ އަންގަރަ ދުވަހު އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބާސާގައި އޭނަ ހުންނަން ބޭނުނަވާ ކަމަށާއި ނަމަވެސް ކަންކަން ވެގެން ދާނީ އަބަދު ތިމާ ބޭނުންވާ ގޮތަށް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ބާސާ އަށް މިހާރު ދިމާވެފައި ވަނީ ވަރަށް ދަތި ދުވަސްކޮޅެއް ކަމަށާއި، މީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މި އަހަރުގެ ބެލެންޑޯއަށް ވެސް ވާދަ ކުރަމުން އަންނަ މެސީ އަށް ވަނީ ފަހަކަށް އައިސް ގިނަ ފާޑުކިޔުންތަކަކާ ކުރިމަތި ލާން ޖެހިފަ އެވެ. ދަނޑުމަތީގައި ކުރިމަތިލާން ޖެހިފައިވާ ފާޑުކިޔންތަކުގެ އިތުރުން، އޭނާއާއި އޭނާގެ ބައްޕަ ވަނީ ސްޕެއިންގެ ޓެކްސް އޮތޯރިޓީއާ ދެމެދުވެސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ.