20 Nov 2014, 10:55
ސްރީލަންކާ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި މަރުގެ ހުކުމްކޮށްފައިވާ އިންޑިއާގެ ފަސް މަސްވެރިޔަކަށް ސްރީލަންކާގެ ރައީސް މާފުދެއްވައިފި އެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން އިއްޔެ ބުނި ގޮތުގައި ލަންކާ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި އިންޑިއާގެ ފަސް މަސްވެރިންނަށް މަރުގެ ހުކުމް އިއްވާފައިވަނިކޮށް، އިއްޔެ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ ވަނީ އެ ފަސް މީހުނަށް މާފުދެއްވައި، އިންޑިއާގެ އޮފިޝަލުންނާ ހަވާލުކޮށްފަ އެވެ.
ސްރީލަންކާ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ އިންޑިއާ އަށް އުފަން ފަސް މަސްވެރިން ކަމަށްވާ އެމާސަން، ޕީއޮގަސްޓަސް، އާރްވިލްސަން، ކޭޕްރަސާތް އާއި ޖޭ ލޭންގްލެޓް ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުންޏެވެ. އަދި ލަންކާގެ ފުލުހުން އެފަސް މީހުން ހައްޔަރުކުރީ 2011 ވަނަ އަހަރު ކަމަށާއި އެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ބީޖޭޕީ އާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އެ ފަސް މަސްވެރިންގެ ކުށްތަކަށް ސްރީލަންކާގެ ރައީސް މާފުދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދުރަ މޯދީ އެކަމަށް އެދުމުން ކަމަށެވެ.