ވޮޝިންޓަން (ނޮވެމްބަރު 20): އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެގައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު މި ނޮވެމްބަރު މަހުގެ 24 ގެ ކުރިން އެއްބަސްވުމަކަށް އައުމަކީ ދުރުކަމެއް ކަމަށާ ނަމަވެސް އެއީ މުސްތަޙީލް ކަމެއްނޫން ކަމަށް އެމެރިކާ ބުނެފި އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލާގައި ކޮންގްރެސްގެ މެންބަރުންނަށް މަޢުލޫމާތު ދެއްވުމުގެ ސެޝަންއެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުގެ ނައިބު ޓޯނީ ބްލެންކެން ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެގައުމާއި ހުޅަނގުގެ ބާރުތަކާދެމެދު ކުރިޔަށްދާ ވާހަކަތައް މިހާރު ވަނީ ޙައްސާސީ މަރްޙަލާއަކަށް ގޮސްފައި ކަމުގަ އެވެ. މިމައްސަލާގައި އެއްބަސްވުމަކަށް އައުމަށް ދެފަރާތުން އެއްބަސްވެފައިވާ ތާރީޚަކީ މި ނޮވެމްބަރު މަހުގެ 24 އެވެ. ނަމަވެސް މިމައްސަލާގާއި ދެ ފާރާތުން ވެސް ދޫނުދިނުމުން މައްސަލަ ދަނީ ކޮޅެއްގައި ނުޖެހި ދިގުލަމުންނެވެ. މިކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި އީރާނާއި އެމެރިކާގެ ޚާރިޖީ ވަޒީރުންނާއި ޔޫރަޕްގެ އިއްތިޙާދުގެ އިސް މަންދޫބު ކެޓްރިން އެޝްޓަން މިދިޔަ ހަފްތާގައި ޢުމާންގެ ވެރިރަށް މަސްގަތުގައި ބޭއްވި ބައްދަލުވުން ވެސް ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ހުޅަނގުގެ ގައުމުތަކުން އެދެނީ ޔޫރޭނިޔަމް ފައްކާކުރުމުގެ އެއްވެސް ފުރްސަތެއް އީރާނަށް ނުދިނުމުގެ މައްޗަށެވެ. މިއީ އީރާނަށް ލިބިގެންވާ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގުން މަހްރޫމް ކުރެވޭ ކަމަކަށް ވާތީ އީރާނުން ގެންދަނީ ކަނޑައެޅިގެން މިކާމާދެކޮޅު ހަދަމުންނެވެ. ނަމަވެސް ދަށްވެގެން 20 އިންސައްތަ އަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތު ދޭނަމަ އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް އޮތްކަން އީރާނުން ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ބުނަނީ އެންމެ މަތީ މިންވަރަކަށް ވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތު ދެވޭނީ 5 އިންސައްތަ އަށް ކަމުގަ އެވެ. ނަމަވެސް އީރާނުން ބުނަނީ މިއީ އެގައުމުގެ ނިއުކްލިޔާ އިންޖިނުގެތަކަށް ބޭނުންވާ ނިއުކްލިޔާ ފިއުލް އުފެއްދޭވަރަށް ވުރެ ދަށް މިންވަރެއް ކަމަށާ އެހެންކަމުން މިކަމަށް އެއްބަސް ނުވެވޭނެ ކަމުގަ އެވެ. މީގެއިތުރުން އީރާނުން މިހާރު ބޭނުންކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކުގެ އަދުދު ދަށްކުރުމަށް ވެސް ހުޅަނގުން ގެންދަނީ ޑިމާންޑް ކުރަމުންނެވެ. އީރާނުން މިކަމަށް ވެސް ދެކޮޅު ހަދާތީ މިއީވެސް އެއްބަސްވުމަކަށް އާދެވުމަށް އެޅިފައިވާ ހުރަހެކެވެ.

ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ލާރިޖާނީ ވަނީ މި ނޮވެމްބަރު މަހުގެ 24 ގެ ކުރިން އީރާނާއި ހުޅަނގާ ދެމެދު ނިއުކްލިޔާ މައްސަލާގައި އެއްބަސްވުމަކަށް އާދެވުމުގެ ފުރްސަތު ބޮޑުކަމަށް ވިދާޅުވެ އިއްޔެ ވާހަކަ ދައްކަވާފަ އެވެ. މިވާހަކަތަކަށް އަހަރެއް ވެފައިވާ އިރު ވަރަށް ކުޑަ ކާމިޔާބީ އެއްނޫނީ މިވާހަކަތަކަށް ލިބިފައެއްނުވެ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމަށް އީރާނުން ހުޅަނގާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް މަގުފަހިވެގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އީރާނަށް ބޮޑު ލުޔެއްލިބި އެގައުމަށް އިގްތިސާދީ ގޮތުން ހަލުއިކަމާއެކު ކުރިޔަށްދިޔުމުގެ ވަރަށް ބޮޑު ފުރްސަތެއް ލިބިގެންދާނެ އެވެ. (ރޮއިޓާސް)