20 Nov 2014, 09:22
ވިލާ އެއާއިން ހިންގަމުން އަންނަ ފުލައިމީގެ ފްލައިޓެއްގެ ތެރޭގައި ނޭވާ ހާސްވި ދިވެހި އަންހެނަކު މަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ހިނގި އެ ހާދިސާގައި ނޭވާ ހާސްވެގެން މަރުވެފައި ވަނީ ގއ. ވިލިގިއްޔަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ އަންހެނެކެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލައިމީގެ އިވެންޓް މެނޭޖާ ޒޫޝާން އިބްރާހިމް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ 7:19ގައި މާލެއިން ފުރައިގެން ކާޑެއްދޫއަށް ދަތުރުކުރި އެ ފްލައިޓުގައި އިން އަންހެނަކު ބޯޓް ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވާކަމަށް ބުނި ކަމަށެވެ. ހަމައެވަގުތު އޭނާ އަށް ފަރުވާންދޭން ފެށިކަމަށް ވެސް ޒޫޝާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަގުތުންއެޓެންޑުވެ އޮކްސިޖަން މާސްކު ބޭނުންކޮށްގެންވެސް ފަރުވާދިނިން، ހަމައެހެންމެ އެވަގުތު ފްލައިޓުގައި އިންނެވި ފަސްޓު އެއިޑް ހަދައިގެން ހުންނެވި ބޭފުޅަކުވެސް، އެބޭފުޅާވެސް އެހީތެރިވި،" ޒޫޝާން ވިދާޅުވި އެވެ.
ޒޫޝާން ވިދާޅުވީ ފުލައިޓުގެ ތެރޭގައި ދެވުނު ފަރުވާއިން އަންހެން މީހާއަށް ރަނގަޅު ނުވުމުން އެމެޖެންސީގައި އެފުލައިޓް 8:05 ހާކަންހާއިރު އަނެއްކާ ހުޅުލެއަށް ޖައްސައި އެއާޕޯޓުގައި ހުންނަ ސިއްހީ ފަރުވާދޭ ތަނަން ގެންގޮސްފައިވާ ކަމަށެވެ.
އެއަންހެން މީހާ މަރުވިކަން އަންގާފައި ވަނީ ރޭ 8:45 ކަންހާއިރު ކަމަށް ވެސް ޒޫޝާން ވިދާޅުވި އެވެ.
އެހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އެއަންހެން މީހާ މަރުވި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.