ރޯމް (ނޮވެމްބަރު 20): ފާއިތުވި އެކާވީސް އަހަރު ތެރޭގައި ހައިހޫނުކަމާއި ކާޑުބަލި ކޮންޓްރޯލް ކުރުމުގައި ދުނިޔެ ވަނީ ހަރުދަނާ އަދި ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައި ކަމަށް މިކަމާބެހޭ ގޮތުން އދ. ން ބާއްވާ ބައިނަލްއަގްވާމީ މަހާސިންތާއިން ބުނެފި އެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ކުރިޔަށްދާ މިމަހާސިންތާ އަށް ހުށަހެޅި ދިރާސާތަކާއި ކަރުދާސްތައް ބުނާގޮތުން ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު އދ. އިން ބޭއްވި މިބާވަތުގެ ފުރަތަމަ މަހާސިންތާއަށް ފަހު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ހައިހޫނުކަމާއި ކާޑުބަލި ތަހައްމަލް ކުރަންޖެހޭ މީހުންގެ އަދަދުވަނީ ގާތްގަނޑަކަށް އެއްބިލިޔަނުން އަށެއް ޕޮއިންޓް ފަހެއް މިލިޔަނަށް ދަށަށްގޮސްފަ އެވެ.

މިކާމިޔާބީގައި ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކާއި އދ. އާ އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން ކުރި ބުރަ މަސައްކަތްތައް ޝާމިލްވެފައިވާ އިރު ހައިހޫނު ކަމާއި ކާބުބަލީގެ ނިސްބަތް ދުނިޔެއިން ދަށްކުރެވުމަކީ އދ. އިން އެކަށައަޅާފައިވާ ސާސަކަފް ލަނޑުދަނޑިތަކުގެ ތެރޭން 2015 ވަނަ އަހަރަށް އެކަށައެޅި މުހިއްމު އެއްލަނޑުދަނޑި ޙާސިލްކުރެވުން ކަމަށް މިމަހާސިންތާއިން ބުނެ އެވެ. އިއްޔެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މަހާސިންތާގައި ދުނިޔޭގެ 190 ގައުމުންނާއި ގިނަ އަދަދެއްގެ ޖަމްއިއްޔާ ޖަމާއަތްތަކުން މަންދޫބުންނާ އަދި ހައިހޫނުކަމާއި ކާޑުބައްޔާބެހޭ ދިރާސާތައްކުރާ ފަރާތްތަކާއި މިކަމާދެކޮޅަށް އަމަލިގޮތުން ހަރަކާތްތެރިވާ ތަޖްރިބާކާރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މި މަހާސިންތާ ބޭއްވުމުގައި އިސް ދައުރެއް އަދާކުރަނީ އދ. ގެ ދެ ޖަމްއިއްޔާ ކަމަށްވާ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްއިއްޔާ (އެފް.އޭ.އޯ) އާއި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ)، އެވެ. އެފްއޭއޯ ބުނާ ގޮތުން ދުނިޔޭގެ ގައުމުތަކުގައި ދިރިއުޅޭ ފަސްއަހަރުން ދަށުގެކުޑަކުދިންގެ ތެރެއިން 161 މިލިޔަން ކުޑަކުދިން އަދި ވެސް ވަނީ ހައިހޫނުކަމާއި ކާޑުބަލީގެ ޝިކާރައަކަށް ވެފަ އެވެ. އަދި ދުނިޔޭގެ ގައުމުތަކުން އަހަރަކު މަރުވާ ކުޑަކުދިންގެ ތެރެއިން ސާޅީސް ފަހެއް އިންސައްތަ ކުދިން މަރުވަނީ ހައިހޫނުކަމާއި ކާޑުބަލީގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާ ގުޅިގެންކަމަށް ވެސް އެފްއޭއޯ އިން ހާމަކުރެ އެވެ. މިހާ ގިނައަދަދެއްގެ ކުޑަކުދިން ހައިހޫނުކަން ތަހައްމަލްކުރަމުންދާ އިރު ގިނައިން ކެއުމުގެ ސަބަބުންނާއި އެނޫންވެސް ކަންކަމާގުޅިގެން އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލަ ކުރިމަތިވެފައިވާ 42 މިލިޔަން ކުޑަކުދިންނާއި ފަސްލައްކަ ބޮޑެތި މީހުން ދުނިޔޭގައި އެބަތިބި ކަމަށް ވެސް އެޖަމްއިއްޔާއިން ބުނެ އެވެ.

ރޯމްގައި އިއްޔެ ފެށުނު ހައިހޫނުކަމާއި ކާޑުބަލި ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގްވާމީ މަހާސިންތާގެ މައިގަނޑު މަގްސަދަކީ ހައިހޫނުކަން ނައްތާލުމަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމާއި އެ ހުރަސްތައް ނައްތާލުމަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުމެވެ. މީގެއިތުރުން ދުނިޔެ އިން ހައިހޫނުކަން ނައްތާލުމަށްޓަކައި ޙާސިލްކުރަންޖެހޭ ލަނޑުދަނޑިތަކެއް ވެސް މި މަހާސިންތާއިން އިޢްލާން ކުރުމަށްވަނީ ހަމަޖެހިފަ އެވެ. (އަލްޖަޒީރާ)