29 Jan 2011, 13:24
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ސްޓެއިންބާގާ ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ރޭ އޮތް ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖެ އާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، މިގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރައްވައި ފުޅާކުރެއްވުމާ ބެހޭގޮތުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން، އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ޑެޕިޔުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ސްޓެއިންބާގަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އެކަން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.