20 Nov 2014, 00:22
އެފްއޭ ކަޕްގެ ފައިނަލްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ކުޅެގެން ވެސް ނަތީޖާ ނެރެވިފައި ނުވާތީ، ޕެނަލްޓީ ޖަހައިން 4-3 ލަނޑުން މޮޅުވެ މާޒިޔާ، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލްގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 90 މިނިޓް ހަމަވެގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. އަދި ނަތީޖާ ނެރުމަށްޓަކައި ކުޅުނު 15 މިނިޓްގެ އިތުރު ދެހާފުގައި ނަތީޖާ ބަދަލުކޮށްލުމަށް ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
އެގޮތުން ފުރަތަމަ 15 މިނެޓުގައި ނިއުގެ ފޯވާޑު ހަމްޒަތު މުހައްމަދަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ގެއްލިފައެވެ. އަދި ދެވަނަ ހާފުގައި މާޒިޔާގެ ފޯވާޑު އަސަދުﷲ އަބްދުﷲއަށް ލިބުނު ހުސް ފުރުސަތެއްގައި ފޮނުވާލީ ބާރު ހަމަލާ ނިއުގެ ކީޕަރު އިމްރާނު މަތަކުރީ އެވެ.
މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން މާޒިޔާއަށް ގޯލު ޖަހައި ދިނީ އަޝްހަދު އަލީ (އަޑުބަރޭ) އާއި އަސަދުﷲ އާއި މޫސާ ޔާމިން އަދި ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އެވެ.
ނިއު އިން ޕެނަލްޓީ ކާމިޔާބު ކޮށްފައިވަނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހައްމަދު އުމެއިރު އަދި އަކްރަމް އަބްދުލް ޣަނީ (އަކޫ) އެވެ.
ނިއުއިން އެފްއޭ ކަޕްގެ ފައިނަލްގައި 19 ފަހަރު ވާދަކޮށް ޖުމްލަ 11 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު އެޓީމުން ވަނީ، މި މުބާރާތް ދެފަހަރު މިލްކުވެސް ކޮށްފައެވެ. މާޒިޔާއިން މުބާރާތް ކާމިޔާބު ކުރި މިއީ ދެވަނަ ފަހަރެވެ. މާޒިޔާއިން މުބާރާތް ފުރަތަމަ ކާމިޔާބު ކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.