20 Nov 2014, 00:22
އަންނަ އަހަރު ކަސްޓަމްސްއަށް އެކަށީގެންވާ ރަނގަޅު ބަޖެޓެއް ނުލިބިއްޖެ ނަމަ އަހަރުގެ ތިން މަސް ނުވަނީސް ހިދުމަތްތައް ހުއްޓާލަން ޖެހިދާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ކޮމިޓީގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި ޒުހޫރު ވިދާޅުވީ، މިހާރު ލިބިފައިވާ މިންވަރުގެ ބަޖެޓެއްގައި މަސައްްކަތް ކުރާކަމަށް ވަނީ ނަަމަ ކަސްޓަމްސްއަށް ދިމާވާ ދަތިތައް ވަރަށް ގިނަވެގެން ދާނެ ކަމަށެވެ.
"އޭގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުން އެބަދޭ. ހިދުމަތުގެ ފެންވަރު ދަށް ކަމުން އެ ކޮމްޕްލެއިން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން،" ޒުހޫރު ވިދާޅުވި އެެވެ.
ކަސްޓަމްސް އިމާރާތުގެ ފެންވަރު ވަރަށް ދަށް ކަމަށާއި ވާރޭ ވެހިއްޖެ ނަމަ އޮފީހުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އުނދަގޫ ވެގެންދާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އަދި މިހާރު ބޭނުން ކުރާ ތަކެތީގެ ފެންވަރު ދަށް ކަމުން ހިދުމަތް ދިނުމުގައި ވެސް ދަތިތަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެެވެ.
ޒުޙޫރު ވިދާޅުވީ، ކަސްޓަމްސް އިން ހުށަހެޅި ބަޖެޓަކީ 276 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ނަމަވެސް ފިނޭންސް މިނިސްޓްރީއާ ވަރަށް ގިނަ ފަހަރު މަތިން ބޭއްވި މަޝްވަރާތަކަށް ފަހު، ޕީއެސްއައިޕީ ނުލައި 210 މިލިއަނަށް ބަޖެޓު ކުޑަކޮށްފައިވާ ކަމަށެވެ.