19 Nov 2014, 23:46
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެއްބަސްވި އަދަދަށް ވުރެއް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ ބަޖެޓު ހަ މިލިއަން ރުފިޔާ ކުޑަ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވީ، އެ 6 މިލިއަން ރުފިޔާ އަކީ އެލްޖީއޭއިން ކޮށްފައިވާ ޕްލޭނުގެ ބޭރުން ދާނެ އެއްޗެއް ކަމަށެވެ.
ކައުސިލްތަކުން ހުށަހެޅި ޕީއެސްއައިޕީގެ މަސައްކަތްތަކުގެ އިތުރުން އެލްޖީއޭއިން ކައުންސިލްތަކަށް ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކެއް ހުށަހަޅާފައި ވާނެ ކަމަށް ޑރ. ޝުކުރީ ވިދާޅުވި އެެވެ.
"އޭގެތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެލްޖީއޭގެ ޕީއެސްއައިޕީން އަޅުގަނޑުމެންނަށް 31 މިލިއަން ރުފިޔާގެ އުނިވުމެއް އެބައުޅޭ." ޝުކުރި ވިދާޅުވި އެވެ.
ޝުކުރީ ވިދާޅުވީ، އެލްޖީއޭއިން ހުށަހެޅި އަދަދާއި ކައުންސިލްތަކުން ހުށަހެޅި އަދަދާއެކު ޕީއެސްއައިޕީން މުޅި ޖުމުލަ 60 މިލިއަން ރުފިޔާގެ އުނިވުމެއް އުޅޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ބަޖެޓު ފާސްވެގެންދާއިރު ވަކި ހިސާބަކުން ކައުންސިލްތަކުގެ ޔުޓިލިޓީއަށް ބޭނުންވާ ކަންތައް ކުރުމަށް ފައިސާ ނުހުންނަ ކަމަށް ވެސް ޑރ. ޝުކުރީ ވިދާޅުވި އެވެ.
"އަހަރުގެ ވަކި ހިސާބަކަށް ދާއިރު ފާހަގަކުރެވިފައި ހުރީ ކައުންސިލްގެ ކަރަންޓާއި ފެނާއި ފޯނާއިި މިކަހަލަ ހިދުމަތްތައް ކެނޑޭ ހިސާބަށް ދިއުން. އެއީ ބަޖެޓުގެ ކުޑަކަމުން،" ޝުކުރީ ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ޔުޓިލީޓައަށް ބޭނުންވާ ކަމަށް އެލްޖީއޭއިން ލަފާކުރަނީ 18 މިލިއަން ރުފިޔާ އެވެ. ޝުކުރީ ވިދާޅުވީ، ކައުންސިލްތުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކައުންސިލްތަކަށް ބޭނުންވާ ޔުޓިލިޓީގެ ހިދުމަތަކީ ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށެވެ.
ބައެއް ކައުންސިލަތަކަށް އަންނަ އަހަރު ދީފައިވާ ބަޖެޓު ކުޑަކަމުން އެ ކައުންސިލްތަކުގެ މުސާރަ ދިނުމުގައިވެސް ދަތިވާނެ ކަމަށާއި އެގޮތުން 25 މިލިއަން ރުފިޔާ ވަރު އެ ކައުންސިލްތަކަށް މަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.