ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރެލްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު މަގާމުން ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ޖޭޕީގެ ކައުންސިލަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ޖޭޕީގެ ކައުންސިލުން ބޭރުކޮށްލާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ މައްސަލަ ހުށަހެޅުއްވި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ޕާޓީގެ ކިބައިން މާފަށް އެދިފައި ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ އިވުނު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަަމަށް މޫސާ އަންވަރު ކައުންސިލްގައި އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

"އެސްޖީ މަގާމުން ވަކި ކުރެއްވުމަށް ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ހުށަހެޅުއްވި މައްސަލަ، ޕާޓީގެ ކައުންސިލުން ރޭ ވަނީ ބޭރުކޮށްލާފައި. އެ މައްސަލަ ކައުންސިލުން ބޭރުކޮށްލާފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 22 މެންބަރުންގެ އިއްތިފާގުން. ދެން މޫސަ އެއްބަސްވެވަޑައިގެންނެވި އެ މައްސަލަ ހުށަހެޅުއްވީ އިވުނު ތޯތޯ ވާހަކަ ތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް. އަދި މޫސަ ވަނީ ކައުންސިލް ބައްދަލުވުމުގައި މާފަށް އެދިވަދައިގެންފައި،" އޮފިޝަލް ވިދާޅުވި އެވެ.

މޫސާ އަންވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ސަމީރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ. އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ސަމީރާ ގުޅޭ ގޮތުން ބަދުއަހުލާގީ މައްސަލަތެއް ހުރި ކަމަށާއި އަދި ޕާޓީގެ ސިއްރު ލިޔެކިއުންތައް ހުންނަ ތަންތަނަށް ޕާޓީގެ މުވައްޒަފުން ނޫން، ގޮތް ނޭނގޭ މީހުން ވައްދަވާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ، ސިޓީގައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އަދި މޫސާ އަންވަރު އެ މައްސަލަ ހުށަހަޅާފައި ވަނީ ޕާޓީގެ އެސިސްޓެންޓް މީޑިއާ އޮފިސަރުގެ މަގާމުގައި ހުރި ޒުވާނުންގެ ލީގުގެ މެމްބަރު ފަރުވާ ކުޑަވެގެން އޭނާގެ މުސާރައިން ކެނޑުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް "ސަން" އާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފެއިވަނީ ޕާޓީގެ ސެކްޓްރީ ޖެނެރެލްގެ މަގާމުގައި މިވަގުތު ހުންނެވި ސަމީރު އާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މި ދަނޑިވަޅަކީ މޫސާ އަންވަރަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ އެކަމާ ޕާޓީގެ ޒުވާނުންގެ ލީގުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރެލްގެ މަގާމަށް ސަމީރު އައްޔަން ކުރެއްވީ މި އަހަރުގެ މޭ މަހު އެވެ.