އެޑިއުކޭޝަން މިނިސްޓްރީގެ ޓާޝަރީ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ލޯން ލިބުނު 22 ފަރާތަކަށް ލޯން އެހީ ލިބުންކަމުގެ ލިޔުން ހަވާލު ކޮށްފި އެވެ.

ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިއަދު ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން --- ސަން ފޮޓޯ : ސޮފްވާން

މިއަދު ހަވީރު ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާގައި ބޭއްވި ހަފްލާއެއްގައި މި ފަރާތްތަކަށް ލޯނު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

މި ރަސްމިއްޔާތުގައި އެމްބީބީއެސް ހެދުމަށް ލޯން ލިބުނު 10 ފަރާތަކަށް ލިޔުން ހަވާލުކޮށްފައި ވާއިރު، ޑެންޓިސްޓްރީގެ ރޮނގުން ލޯނު އެހީ ލިބުނު ފަސް ދަރިވަރަކަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ރާއްޖޭން ބޭރުން ބެޗެލާސް ޑިގްރީ ހެދުމަށް ލޯނު ލިބުނު 10 ފަރާތަކަށް ލިޔުން ހަވާލުކޮށްފައި ވާއިރު، ރާއްޖެއިން ބެޗެލާސް ޑިގްރީ ހެދުމަށް މި ލޯނު ސްކީމްގެ ދަށުން އެންމެ މަތިން ޕޮއިންޓް ލިބުނު 12 ފަރާތަކަށް ލިޔުން ހަވާލު ކޮށްފައި ވެއެވެ.
ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިއަދު ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން --- ސަން ފޮޓޯ : ސޮފްވާން

ޓާޝަރީ ލޯނު ސްކީމްގައި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލެވަފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަދި މިފަހަރު ލޯނަށް އެދުމަށް 250 ފުރުސަތު ހުޅުވާލާފައި ވާއިރު، މި ލޯނަށް އެދި 370 ފަރާތަކުން ފޯމް ހުށައަޅާފައި ވެއެވެ. މިފޯމްތަކުގެ ތެރޭން ޝަރުތު ފުރިހަމަވެ، ލޯން ލިބޭ ފަރާތްތަކުގެ ގޮތުގައި ހޮވިފައި ވަނީ 140 ފަރާތެކެވެ.

މި ލޯނު ސްކީމަކީ ސަރުކާރުގެ ބަޖެޓުން ފުލްފަންޑިން އާއި އެކު ލޯނު ދީގެން ހިންގަން ފެށުނު ލޯނު ސްކީމެކެވެ. މި ލޯނު ސްކީމްގެ ދަށުން މީގެ ކުރިން ހަތަރު ފަހަރަކު ލޯނު އެހީ ދީފައި ވެއެވެ.