ސިވިލްސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއްގެ އެއް ވެސް މަގާމެއް އަދާނުކުރެވޭ ގޮތަށް ސިވިލްސާވިސްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙު މަޖިލީހުގެ ތަޅުމަށް އެ ބިލް ހުށަހެޅިއިރު އޮތް ގޮތަށް ކޮމެޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަހްމަދު މަނިކު ހުށަހެޅުއްވި ބިލް ރައްޔިތުުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ކޮމެޓީގެ އަގްލަބިއްޔަތުން ނިންމާފައި ވަނީ ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހެޅި ގޮތަށް ކޮމެޓީން ފާސްކުރުމަށެވެ.

އެ ބިލްގެ މަސައްކަތް ކޮމެޓީގައި ކުރިއަށްދިޔައިރު ސިވިލް ސާވިސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި، އަދި ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލްގެ މަޝްވަރާ ހޯދާފައިވާ ކަަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ދިވެހި ސިވިލް ސާވިސް ގާނޫނުގެ މާއްދާއެއް އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ކޯޓުން ދީފައިވާ މުއްދަތު ފަހަނައަޅައި ދިޔަތާ ތިން އަހަރު ފަހުންނެވެ.

ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުންނަށް ބައިވެރި ނުވެވޭނެ ކަމަށް ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައި އޮތް މާއްދާ އިސްލާހު ކުރުމަށް ހައި ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 3، 2008 ގަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސެޕްޓެމްބަރު 19، 2011 ގައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ ހައި ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

ސިވިލް ސާވިސް ގާނޫނު އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. ގައި ވަރަށް ސާފުކޮށް އެންމެނަށް ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައި އޮންނައިރު، ސިވިލް ސާވިސްގެ ގާނޫނުން ސިވިލް ސާވަންޓުންގެ އެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. ގައި ބުނަނީ، ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި އަދި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި ސިވިލްސާވަންޓުންނަށް ބައިވެރިވެވޭނެ އެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ސިވިލް ސާވަންޓެއްގެ ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުގެ އިތުރަށް އެފަދަ ޕާޓީއެއްގެ މަގާމެއް ފުރުމާއި ޕާޓީއެއް އުފެއްދުމަށް ވެސް ހުށަޙަޅައިގެން ނުވާނެ ކަމަށް މަޑުއްވަދީ ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވެ އެވެ.