ވަގަށް ނަގާފައިވާ ކަމަށް ބެލެވުނު ހޮންޑިއުރާސްގެ ރީތީގެ ރާނީ މާރިޔާ ހޯސޭ އަލްވަރާދޯއާއި އޭނާގެ ދައްތަ ސޯފިއާ ޓްރިނިޑާޑް އަލްވަރާދޯ މަރާލާފައި އޮއްވައި ފެނިއްޖެ އެވެ.

ހޮންޑިއުރާސްގެ ފުލުހުންގެ ޑައިރެކްޓަރު ރާމޯން ސަބިލިއަންއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ މާރިޔާއާއި ސޯފިއާ މަރާލައި، ވަޅުލާފައި އޮއްވައި ފެނުނީ އެދެބެން އެތަނެއްގައި ތިއްބައި މީގެ ހަ ދުވަސް ކުރިން ގެއްލުނު ސްޕާގެ ކައިރިން ކަމަށެވެ.

ސަބިލިއަން ވިދާޅުވެފައި ވަނީ މާރިއާއި ސޯފިއާގެ ހަށިގަނޑު ފެނުނީ ސޯފިޔާގެ ލޯބިވެރިޔާ ޕުލޫޓާރްކޯ ރުއިޒް އެ ދެބެން މަރައިލި ކަމަށް އެއްބަސްވެ، ހަށިތައް ވަޅުލާފައިވާ ތަން ދެއްކުމުން ކަމަށެވެ. އެދެ ހަށިގަނޑު ވަޅުލާފައި އޮތީ ސަންޓާ ބާބަރާ ނަމަކަށް ކިޔާ ފަރުބަދަމަތީ ސަރަހައްދެއްގައިވާ ކޯރެއްގެ އައްސޭރީގައި ހުންނަ ލާ އަގުއާގާ ނަމަކަށް ކިޔާ ސްޕާގެ ކައިރީގަ އެވެ. އެ ދެބެން އެތަނަށް ދިޔައީ ރުއިޒްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.
ސަބިލިއަން ވިދާޅުވެފައި ވަނީ ދެބެން ވެސް މަރާލާފައި ވަނީ ބަޑިޖަހައިގެން ކަމަށާއި މަރާލާފައި ވަނީ ގެއްލުނު ރޭ ކަމަށް ބެލެވޭ ކަމަށެވެ.

ހޮންޑިއުރާސް ފުލުހުން ވަނީ ރުއިޒްގެ އިތުރުން އޭނާ އަށް އެހީތެރިވި އަރިޒް އަލްމަޑޮނާޑޯ ނަމަކަށް ކިޔާ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ ދެމީހުން ވެގެން މާރިއާއާއި ސޯފިޔާގެ ހަށިގަނޑު ކޯރުގެ އައްސޭރީގައި ވަޅުލީ އެ ދެހަށިގަނޑު ކުނިވުން އަވަސް ކުރުމަށް ކަމަށް އަލްމަޑޮނާޑޯ ވަނީ ބުނެފަ އެވެ. އޭނާ އަދި ބުނެފައި ވަނީ ރުއިޒް މާރިޔާ މަރައިލީ އެހެން ފިރިހެނަކާ އެކު އޭނާ ނެށުމުން އެކަމާ ރުޅިއައިސްގެން ކަމަށެވެ.

އަލްމަޑަނާޑޯ ބުނި ކަމަށް ސަބިލިއަން އަދި ވިދާޅުވެފައި ވަނީ ސޯފިއާ އެހެން ފިރިހެނަކާ އެކު ނެށުމުން ރުއިޒް ރުޅިއައިސްގެން އެކަމާ ފުރަތަމަ ޒުވާބު ކުރި ކަމަށެވެ. އަދި އެޒުވާބުގެ ތެރޭގައި ފިސްތޯލަ ނަގައި ފުރަތަމަ ސޯފިއާގެ ގަޔަށް ޖެހި ކަމަށާއި އަދި މާރިއާ ފިލަން ދުއްވައި ގަތުމުން އޭނާގެ ގަޔަށް ވެސް ޖެހީ ކަމަށެވެ.

ގޭންގްތަކުގެ ނުފޫޒު ގަދަ ހޮންޑިއުރާސް އަކީ ހަނގުރާމައެއް ހިނގަމުން ނުދާ ގައުމުތަކުގެ ތެރެއިން މީހުން މެރުމުގެ ރޭޓް އެންމެ މަތި ގައުމެވެ. އެގޮތުން އެގައުމުގައި ކޮންމެ 100،000 މީހެއްގެ ތެރެއިން 90 އާއި 95 އާ ދެމެދުގެ މީހަކު މަރައިލެވެ އެވެ.