29 Jan 2011, 13:21
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޑީއާރުޕީގެ މެންބަރުންނަށާއި ކެމްޕެއިން ޖަގަހަތަކަށް ދެމުންދާ ހަމަލާތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ޕާޓީގެ ޖަގަހަތަކަށާއި މެންބަރުންނަށް ދެމުންދާ ހަމަލާތަކުގައި ވާގިވެރިވަނީ ސަރުކާރު ހިންގާ އެމްޑީޕީން ކަމަށެވެ. އެ ގޮތުން މާފަންނުގައި ހުރި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ޖަހަގައަށް ދެ ފަހަރެއްގެ މަތިން ހަމަލާދީ ބިއްލޫރިތައް ތަޅާލުމުގެ ފަހަތުގައި ވަނީ އެމްޑީޕީ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ އަތޮޅު ތެރޭގައި ބާއްވާ ޑީއާރުޕީގެ ޖަލްސާތަކާއި ތަދުރުތަކުގައި އެ ޕާޓީގެ މެންބަރުންނަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގަނީ ފުލުހުންގެ ކުރިމަތީގައި ކަމަށާއި އެ ކަންތައްތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
"މާފަންނުގައި ހުރި ޖަގަހައަކަށް ދެ ފަހަރެއްގެ މަތިން ހަމަލާދީނުމާ ގުޅިގެން އަޅުގަނޑުމެން ވާނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި. އަތޮޅު ތެރޭގައި ވެސް ހިނގަމުންދާ ކަންތައްތަކަކީ ފުލުހުންގެ ލޯ ކުރިމަތީގައި ހިންގަމުންދާ ކަންތައްތައް. އެ މައްސަލަތައް ފުލުހުން ބަލާނެ." ރޮޒައިނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޑީއާރުޕީން ތުހުމަތުތަކާ ގުޅިގެން އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައި ވަނީ އެ ޕާޓީގެ މެންބަރުންނަކީ ހަމަނުޖެހުން އުފައްދަން އުޅޭ ބައެއް ނޫން ކަމަށާއި އެކަހަލަ އިލްޒާމްތައް އެމްޑީޕީން ގަބޫލު ނުކުރާ ކަމަށެވެ.