19 Nov 2014, 21:23
ތ. އަތޮޅު ވޭމަންޑޫގައި ކުރިއަށްދާ ޒޯން ހައެއްގެ ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު މެޗުގައި ވަޅިއެއް ހިފައިގެން އުޅުނު ކުޅުންތެރިއަކު ހައްޔަރުކޮށްފި އެވެ.
ޒޯން ހައެއްގެ މުބާރާތުގައި އެ ދުވަހު ލ. ފޮނަދޫ ޒުވާނުންގެ ގުޅުމާއި ލ. މާބައިދޫ އިސްދަރިވަރުންގެ މެޗުގައި ވަޅި ގެންގުޅުން ކުޅުންތެރިޔާ ހައްޔަރު ކޮށްފައިވަނީ މިއަދު އެވެ. ނަމަވެސް އޭގެ ކުރިން ދަނޑުމަތީގައި ހިނގި ހަމަ ނުޖެހުމާ ގުޅިގެން އެ މެޗު ވަނީ ހުއްޓާލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލެއް "ސަން" އަށް މިއަދު ވިދާޅުވީ، "ކޮން ޓީމެއްކަން ހާމަ ކުރެވެން ނެތް އެ ކުޅުންތެރިޔާ" ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ނިންމާ ތަނެއްގައި އޭނާ ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، ވަޅިހިފައިގެން ދަނޑުމަތީގައި އުޅުނު ކުޅުންތެރިޔާގެ މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.