19 Nov 2014, 21:14
ކެރަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އެސްޓީއޯ ނޫފަހި 25 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ އަންހެން އަދި ފިރެހެން ޓީމް ޗެންޕިއަންކަން އޯސަމް ކެރަމް ކްލަބުން ހޯދައިފި އެވެ.
މި މުބާރާތުގެ ޕްރިމިއާ ޑިވިޝަން ޓީމް އިވެންޓުތަކުގެ އަންހެން ފައިނަލް އާއި ފިރެހެން ފައިނަލް ރޭ ކުރިއަށް ގެންގޮސްފައި ވާއިރު، އަންހެން ފައިނަލްގައި ބައްދަލު ކޮށްފައި ވަނީ އޯސަމް ކެރަމް ކްލަބާއި ސްޕޯޓްސް ކްލަބް ފީނިކްސް އެވެ. އަދި ފިރެހެން ފައިނަލްގައި ބައްދަލުކޮށްފައި ވަނީ ދިވެހި ސިފައިންގެ ކްލަބާއި އޯސަމް ކެރަމް ކްލަބެވެ. މި ދެމެޗުވެސް ކާމިޔާބު ކޮށްފައި ވަނީ އޯސަން ކެރަމް ކްލަބުންނެވެ.
ކެރަމް އެސޯސިއޭޝަނުން 2011 ގައި ކުރިއަށް ގެންދިޔަ ގައުމީ މުބާރާތުގެ ޕްރިމިއާ ޑިވިޝަންގައިވެސް އަންހެން އަދި ފިރެހެން ޓީމް ޗެންޕިއަންކަން ހާސިލްކޮށްފައި ވަނީ އޯސަމް ކެރަމް ކަލްބުންނެވެ.
ޕްރިމިއާ ޑިވިޝަން ޓީމް އިވެންޓުގެ އިތުރުން މި މުބާރާތުގައި ޕްރިމިއާ ޑިވިޝަންގެ ފިރެހެން ޑަބަލްސް އާއި އަންހެން ޑަބަލްސް، އަދި މިކްސްޑް ޑަބަލްސްގެ އިވެންޓްތަކާއި، ދެވަނަ ޑިވިޝަންގެ ފިރެހެން އަދި އަންހެން ސިންގަލްސް އިވެންޓުތައް ވަނީ ކުރިއަށް ގެންދަން ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ގައުމީ ކެރަމް މުބާރާތުގައި ފިރިހެން ޓީމް ޗެމްޕިއަންކަން ކްލަބް ގްރީން ސްޓްރީޓް ހޯދާފައި ވާއިރު، އަންހެން ޓީމް ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ޕީކޭ އެވެ.