19 Nov 2014, 21:09
ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫ މެދުވެރިކޮށް މޯލްޑިވް ގޭހުގެ މާލޭގެ ގޭސްފުޅި ޑެލިވަރީ ފްލީޓްތައް ގުޅާލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސޯލްޓް ކެފޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީއެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ.
އެ އެއްބަސްވުމުގެ ދަށުން އުރީދޫގެ ލޯކަލް ނެޓްވޯކެއް މެދުވެރިކޮށް މޯލްޑިވް ގޭހުގެ ހެޑް އޮފީހާއި މާލޭގެ ޑެލިވަރީ ވެހިކަލްތައް ގުޅާލެވިގެންދާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫގެ ނެޓްވޯކް މެދުވެރިކޮށް މޯލްޑިވް ގޭހަށް ދެވިގެންދަނީ "ވަރުގަދަ ސޮލިއުޝަން" އެއް ކަމަށާއި އުރީދޫގެ ނެޓްވޯކް ސްޕީޑާއި ކަނެކްޓިވިޓީ މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކުރެވި އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލިޖީ މިހާރު ވަނީ ކަސްޓަމަރުންގެ ބިޒްނަސް ސޮލިއުޝަނަކަށް ވެފައި ކަމަށެވެ.
މޯލްޑިވް ގޭހުގެ އެމްޑީ މައުމޫން ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ގެތަކަށް ގޭސް ޑެލިވާ ކުރުމުގައި މިހާރަށްވުރެ އަވަސް ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށާއި ޓްރެކްކޮށް މޮނިޓާ ކުރުމުގެ ނިޒާމު މިހާރަށްވުރެ ވަރުގަދަވެ ފުޅާވެގެންދާނެ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޚިދުމަތް ގާއިމްކޮށް މަސައްކަތް ކުރަން ފެށުމުން އޭގެ ފައިދާ ކަސްޓަމަރުންނަށް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މީގެ ސަބަބުން އަޅުގަނޑެމެންގެ ޚިދުމަތް އަވަސްވެގެން ދިއުން. އަދި ކުރިއަށް އޮތް ތާގައި އެސްއެމްއެސްގެ ނިޒާމަކުން ވެސް އޯޑަރު ކުރެވޭނެ ނިޒާމެއް ފެނިގެން ދިއުން އެއީ އަޅުގަނޑުމެންގެ އެންމެބޮޑު ހުވަފެނަކީ،" މައުމޫން ވިދާޅުވި އެވެ.