19 Nov 2014, 20:59
މުއާސަލާތީ ކުންފުނި، ދިރާގުން އެކުންފުނީގެ ފޯޖީ އެލްޓީއީ ނެޓްވޯކް އަތޮޅުތެރޭގެ ރަށަކަށް ފުރަތަމަ ފަހަރަށް މިއަދު ތައާރަފުކޮށްފި އެވެ.
ޓެސްޓު ކުރުމަށްފަހު ލައިވްކޮށް ބޭނުންކުރެވޭ ގޮތަށް ދިރާގުން އެ ޚިދުމަތް މިއަދު ރަސްމީކޮށް ތައާރަފުކޮށްފައި ވަނީ ގއ. ވިލިނގިއްޔަށެވެ.

4ޖީ އެލްޓީއީ ނެޓްވޯކް ތައާރަފްކުރުމަށް ގއ. ވިލިނގިލީގައި ދިރާގުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު
ދިރާގުން ބުނީ، މިހާރު ދިރާގުގެ މޮބައިލް ނެޓްވޯކް ވާނީ އަޕްޑޭޓްކޮށް ތްރީޖީ ސްޕީޑް އެތައްގުނައެއް ރަނގަޅުކުރެވިފައި ކަމަށެވެ. އެގޮތުން ޒަމާނީ ފޯޖީ ނެޓްވޯކެއް ގާއިމްކޮށް ތްރީޖީ ސްޕީޑުގެ 10 ގުނަ ހަލުވި ސްޕީޑް ދިރާގު އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.
ޒަމާނީ ސިމް ޓެކްނޮލޮޖީގެ އެހީގައި ދިރާގުން ވަނީ "ޔޫސިމް"ގެ ނަމުގައި އެ ނެޓްވޯކަށް ހާއްސަ ސިމްއެއް ވެސް ތައާރަފުކޮށްފަ އެވެ. ރާއްޖެއަށް އަލަށް ތައާރަފުކޮށްފައިވާ އެ ސިމްކާޑުގައި އެއް ސިމްއެއްގައި ތިން ސިމް ޓްރޭ ވާނެ އެވެ. އެގޮތުން ނެނޯ ސިމްއަކާއި މައިކްރޯ ސިމްއެއް ވެސް ކަސްޓަމަރުންނަށް ދޫކުރާ ސިމްގައިވާނެ ކަމަށް ދިރާގުން ބުންޏެވެ.

4ޖީ އެލްޓީއީ ނެޓްވޯކް ތައާރަފްކުރުމަށް ގއ. ވިލިނގިލީގައި ދިރާގުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު
އެ ކުންފުނިން ބުނީ، ފޯޖީ ސަޕޯޓުކުރާ މޮބައިލްފޯނެއް އޮތް ދިރާގު ކޮންމެ ކަސްޓަމަރަކަށް ވެސް މުޅިން ހިލޭ 28 އޮކްޓޯބަރު އިން ފެށިގެން ދިރާގު ފްރަންޓް އޮފީހުން ސިމެއް ލިބޭނެ ކަމަށާއި ހިލޭ ސިމް ބަދަލުކޮށްދިނުން ކުރިއަށް ދާނީ މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އިތުރު އެއްވެސް ފައިސާއެއް ނުދައްކައި މިހާރު މޮބައިލް ބާޒާރުގައި އެންމެ މަޝްހޫރު ފޯޖީ ސަޕޯޓުކުރާ ފޯނުތަކާ އެކު ދިރާގުގެ ފޯޖީ ނެޓްވޯކް ބޭނުންކުރެވޭނެ ކަމަށާއި ފޯޖީ ނެޓްވޯކަށް ހާއްސަ ޑޭޓާ ޕްލޭންތަކެއް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް ދިރާގުން ބުނެއެވެ.