އާއިލާއަށް ފިލައިގެން އުޅުނު ގ. ގްރީންބީންސް ޝިފާ މުޙައްމަދު ހޯދައި އޭނާގެ އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން 16 އަހަރުގެ ޝިފާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމުން އޭނާ ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން އޭނާ ފެނިފައިވަނީ، މާފަންނު ގެއެއްގެ ކޮޓަރިތެރޭން ކަމަށެވެ.

" އޭނާ [ޝިފާ] ފެނިފައިވަނީ، މާފަންނު ގެއެއްގެ ތެރޭގައި އޭނާ ހުރި ކަމުގެ މައުލޫމާތު އާންމު ފަރާތަކުން ފުލުހުންނަށް ދިނުމާއެކު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ މުވައްޒަފުން އެގެއަށް ގޮސް ގޭގެ ވެރިފަރާތުގެ ހުއްދާއާއެކު އެގޭތެރެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތެރެއިންނެވެ" ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

ފުލުހުން ބުނީ، ފިލުވައިގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވިގެން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝިފާ މުޙައްމަދު އާއިލާއަށް ފިލައިގެން އުޅުނު މައްސަލައާއި އޭނާ ފިލުވައިގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.