މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އަށް އަންނަ އަހަރު ދޭން ނިންމާފައިވާ ބަޖެޓަށް 7.5 މިލިއަން ރުފިޔާ އިތުރުކޮށް ނުދީފި ނަމަ އަންނަ އަހަރުތެރޭގައި ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ހުސައިން ހަމީދު ވިދާޅުވީ، ޔުނިވާސިޓީން އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީގައި އެދުނީ ޕީއެސްއައިޕީއާ އެކު 185 މިލިއަން ރުފިޔާގެ ބަޖެޓަކަށް ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ، ޔުނިވާސިޓީން އެދުނު އަދަދަށްވުރެ 26.6 މިލިއަން ރުފިޔާ އެ ބަޖެޓުން އުނިކޮށްފައި ކަމަށް ހުސައިންގެ ވާހަކަފުޅުގައި ވިދާޅުވި އެެވެ.

"މީގެތެރޭގައި ޕީއެސްއައިޕީން އުނިކުރައްވާފައިވާ 18 މިލިއަނެއް ވެސް ހިމެނޭ. އަޅުގަނޑުމެން މަޖިލީހުގައި މިދަންނަވަނީ އަޅުގަނޑުމެންނަށް އަލަށް ލިބޭ އިމާރާތްތަކާއި ހަވާލުވާ ތަންތަނަށް ބަލާފައި އަދި ދަރިވަރުންނަށް ކުރަންޖެހޭ ހަރަދުތަކަށް ނިސްބަތުން އިތުރުވާ ފައިސާއަށް ބަލާފައި،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގދ. ތިނަދޫގައި ހަދަމުން އަންނަ ދެ އިމާރާތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށާއި އެހެން ކަމުން ރިކަރަންޓް ހަރަދު އިތުރުވެގެންދާނެ ކަމަށެވެ. ހަމައެއާއެކު އައްޑު އަތޮޅުގައި ހަދާ ކެމްޕަސް ނިމުމުން އެތަނަށްވެސް ރިކަރަންޓް ހަރަދު އިތުރުވާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

އެމްއެންޔޫއިން ވަނީ އެބޭފުޅުން އެދިލެއްވި ވަރުގެ ބަޖެޓެއް ލިބިފައި ނުވާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ބަޖެޓު ކޮމިޓީއާ މިއަދު ހިއްސާކުރައްވައިފައެވެ.

އެގޮތުން ގދ. ތިނަދޫގައި އަޅާ އިމާރާތްތައް މިއަހަރަށް ނިންމައި ނުލެވޭނެ ކަމަށާއި އެހެންކަމުން އަންނަ އަހަރު އެމަސައްކަތް ނިންމުމަށް 4.2 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ހުސައިން ވިދާޅުވި އެވެ.

ބަޖެޓު ކޮމިޓީގެ ހުރިހާ މެމްބަރުންވެސް މިއަދު ވިދާޅުވީ، އެމްއެންޔޫ އަކީ ވަރަށް ސަމާލުކަން ދޭންޖެހޭނެ ތަނެއް ކަމަށެވެ. ކޮމިޓީގެ މެމްބަރުން ވިދާޅުވީ، ރާއްޖެއިން ބޭރަށް ކިޔަވަންދާ ދިއުން މަދުކުރެވޭނީ ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭނެ ފަދަ ގޮތަށް ގައުމުގެ ތައުލީމީ ހާލަތު ރަނގަޅުކޮށްގެން ކަމަށެވެ.

ދަރިވަރުން އަތުން ފީ ނަގައިގެން ޔުނިވާސިޓީއަށް މިދިޔަ އަހަރު 31 މިލިއަން ރުފިޔާ ވަނީ ލިބިފައި އެވެ. ހަރަދުގެ ގޮތުގައި މިދިޔަ އަހަރު ޔުނިވާސިޓީން ވަނީ 30 މިލިއަން ހަރަދުކޮށްފައި އެވެ.