19 Nov 2014, 18:31
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ، ކައިރި މުސްތަގުބަލެއްގައި އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް ބާސެލޯނާ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
އާޖެންޓީނާގެ ކުޅިވަރު ނޫހެއް ކަމަށްވާ އޯލޭއަށް އިއްޔެ ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ، ބާސާގައި އޭނާ މުޅި އުމުރު ދުވަހު ހުންނަން ބޭނުންވިކަމުގައި ވިއަސް، ތިމާގެ އެދުމާ އެއްގޮތަށް އަބަދު ކަންކަން ނުހިނގާނެ ކަމަށެވެ. އަދި ބާސާ އަކީ ވަރަށް ބޮޑު ކްލަބެއް ކަމަށާއި، އެފަދަ ކްލަބެއް ދެ މެޗަކުން ބަލިވެލާ އިރަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އެ ކްލަބަކަށް އަމާޒުވެގެން ދާނެ ކަމަށްވެސް އޭނާ ބުންޏެވެ.
"މީ އަހަރެންގެ އަތްމަތީ އޮތް ކަމެއް ނަމަ އަހަރެން އަބަދުވެސް ކުޅޭނީ ބާސާއަށް. އެކަމު ފުޓްބޯޅައަކީ ވަރަށް ގިނަ ބަދަލުތައް އަންނަ ކުޅިވަރެއް. މި ފަހަކަށް އައިސް ބާސާއަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައި،" އިންޓަވިއުގައި އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ކުރިއަށް އޮތްތާނގައި ވާނެގޮތް ބުނެދޭން ނޭނގުނަސް، މި އަހަރު އޭނާ ވިސްނަނީ ބާސާގައި ރަގަޅު ކުޅުމެއް ދެއްކުމަށް ކަމަށާއި، ބާސާގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ.
"ބާސާއަށް އިރުޝާދު ދޭން ޓީމާއި ހަވާލުވެފައި ވަނީ އާ ކޯޗެއް. އެ ކޯޗްގެ ހުންނާނީ މުޅިން ތަފާތު ވިސްނުންތަކެއް. މިފަދަ ކަންކަމަކީ ވަގުތު ނަގާ ކަންކަން. މިއަހަރު ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ފަދަ ފެންވަރުގެ ކުޅުންތެރިން ބާސާގައި އެބަ ތިބި. މިއަހަރުގެ ސީސަންގެ ބޮޑުބައި އަދި އޮތީ ކުރިއަށް. އެހެންވީމަ އަދި އަހަރެން ހާހެއް ނުވަން،" އެނާ ބުންޏެވެ.
މެސީ ބާސާއަށް މުޅިއެކު 11 ސީޒަންގައި ކުޅެދީފައި ވާއިރު، އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި އެ ޓީމަށް މުޅިއެކު 440 މެޗު ކުޅެދީފައެވެ. އަދި އެޓީމަށް އޭނާ 365 ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، އޭނާ އެޓީމުގައި ހޭދަ ކުރި މުއްދަތުތެރޭގައި އެ ޓީމް ވަނީ 21 ތައްޓެއް ކާމިޔާބު ކޮށްފައެވެ.