ތުރުކީގައި "ވޮޑަފޯން އިސްތަންބޫލް މެރަތަން 2014"ގެ ނަމުގައި ބޭއްވި ދުވުމުގެ ރޭހެއްގައި ރާއްޖޭގެ އަމިއްލަ އެސޯސިއޭޝަނެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޑިސްޓެންސް ރަނާސް (މޭޑް ރަނާސް) ގެ ތިން ދުވުންތެރިން ބައިވެރި ވެއްޖެ އެވެ.

މި މަހުގެ 16 ވަނަ ދުވަހު ބާއްވާފައިވާ މި މެރަތަންގައި، މޭޑް ރަނާސްގެ ފަރާތުން ރާއްޖެ ތަމްސީލު ކޮށްފައި ވަނީ ނަސްރުﷲ އަހުމްދު އާއި އަހުމަދު ޖަވާދު އަދި މުހައްމަދު ހަމްދޫން އެވެ. މި ތިން ދުވުންތެރިންގެ ތެރޭން ޖާވާދު އާއި ނަސްރުﷲ 46 ކިލޯމީޓަރު ފުލް މެރަތަންގައި ބައިވެރިވެފައި ވާއިރު، ހަމްދޫން ބައިވެރިވެފައި ވަނީ މެރަތަންގެ 15 ކިލޯމީޓަރު ކެޓަގަރީގައެވެ.

މި މެރަތަންގެ އިތުރުން ބައިނަލްއަގްވާމީ ހަތް މެރަތަނެއްގައި ނަސްރުﷲ، ބައިވެރިވެފައި ވާއިރު، ޖަވާދު ވަނީ ބައިނަލްއަގްވާމީ ދެ މެރަތަނެއްގައި ބައިވެރި ވެފައެވެ. އަދި މިއީ ހަމްދޫން، ބައިނަލްއަގަވާމީ މެރަތަނެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވާއިރު، އޭނާ ވަނީ ރާއްޖޭގައި ބޭއްވި ތިން މެރަތަނެއްގައި ބައިވެރިވެފައެވެ.

މޭޑް ރަނާސްގެ ފަރާތުން މީގެ ކުރިންވެސް ވަނީ ބައިނަލްއަގްވާމީ މެރަތަންތަކަށް ރާއްޖޭގެ ދުވުންތެރިން ފޮނުވާފައެވެ. އަދި މިއެސޯސިއޭޝަންގެ ފާރާތުން ރާއްޖޭގައި ބޭއްވި ގައުމީ މެރަތަން ތަކާއި ދުވުމުގެ މުބާރާތްތަކުގައިވެސް ދުވުންތެރިން ބައިވެރިވެފައި ވެއެވެ.

ވޮޑަފޯން އިސްތަންބޫލް މެރެތަން އަކީ މީގެ ކުރިން 35 ފަހަރެއްގެ މަތިން ބާއްވާފައިވާ މެރަތަން އެކެވެ. ދުނިޔޭގެ ދެ ބައްރަކަށް ދިގު ދެމިގެންދާ މި މެރަތަން އޭޝިއާއިން ފައްޓާއިރު، މި މެރަތަން ނިމިގެން ދަނީ ޔޫރަޕަށެވެ. އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލްޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި މެރަތަންގައި މިފަހަރު ވަނީ 100 އަށް ވުރެ ގިނަ ގައުމަކުން 21،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައެވެ.