19 Nov 2014, 17:03
ގދ. ތިނަދޫ ހުޅުޖެހި ޝަރީއަތް ބާއްވާ ކޮންމެ ދުވަހަކު 30،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކުށްވެރިން ބައިތިއްބާނެ އެކަށީގެންވާ ޖާގަ ކޯޓުގައި ނެތުމުން ތިނަދޫ މައްސަލައިގައި ދައުވާ ލިބޭ ގިނަ މީހުން ބައިތިއްބަން ޖެހޭނީ ޖަސްޓިސް ބިލްޑިންގުގެ ބޭރުގައި ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު "ސަން"އަށް މިއަދު ވިދާޅުވީ ދައުވާ ލިބޭ 89 މީހުންގެ ޝަރީއަތް ބާއްވާ ކޮންމެ ދުވަހަކަށް ހުރުމާއި ކެއުމުގެ ޚަދުގެ ގޮތުގައި ކޮންމެ މީހަކަށް 370 ރުފިޔާ ކޯޓުން ދޭންޖެހޭ ކަމަށެވެ. އެހެންކަމުން 89 މީހުންގެ ކެއުމާއި ހުރުމަށް ޝަރީއަތް ބާއްވާ ކޮންމެ ދުވަހަކަށް 32،930 ރުފިޔާ އެ ކޯޓުން ޚަރަދު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ އެ މީހުން ތިނަދޫން މާލެ އަންނަ ކޮންމެ ފަހަރަކު ދެ ކޮޅު ދަތުރު ޚަރަދުގެ ގޮތުގައި ކޮންމެ މީހަކަށް 750 ރުފިޔާ ދޭންޖެހޭ ކަމަށެވެ. އެހެންކަމުން ދަތުރު ޚަރަދުގެ ގޮތުގައި އެ މީހުން މާލެ އަންނަ ކޮންމެ ފަހަރަކު 66،750 އެ ކޯޓުން ޚަރަދު ކުރަންޖެހޭ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިތަކުގައި އެކަށީގެންވާ ވަރަށް ޖާގަ ނެތުމުން ޝަރީއަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެފަދަ ކަންކަން ހައްލު ނުކުރެވޭތީ ކޯޓުން އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާޒިން ތިއްބުމަށް އެކަށީގެންވާ ޖާގަ ނެތުމުން އެއް ގާޒީއަކު މަސައްކަތް ކުރައްވަނީ އެތަނުގެ ލައިބްރަރީގައި ކަމަށެވެ.