ރޯމޭނިއާގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ގައުމުން ބޭރުގައި ތިބި ގިނަ ބަޔަކަށް ވޯޓު ނުލެވުމުން އެކަމުގެ ޒިންމާ އުފުއްލެވުމުގެ ގޮތުން ހާރިޖީ ވަޒީރު ތިއޯޑޯ މެލެސްކާނޫ އިސްތިއުފާ ދެއްވައިފި އެވެ.

ބީބީސީ ބުނީ ގައުމުން ބޭރުގައި ތިބި މީހުން ވޯޓުލުމަށް ކުރިމަތިވި ދަތިތަކާ ގުޅިގެން މެލެސްކާނޫ އިސްތިއުފާ ދެއްވި އިރު އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ވެސް ނުވާ ކަމަށެވެ. އަދި ބުނީ އޭނާގެ ކުރިން ހާރިޖީ ވަޒީރުކަމުގައި ހުންނެވި ޓީޓަސް ކޯލެޓިއަން ވެސް އިސްތިއުފާ ދެއްވީ ހަމަ އެ މައްސަލައިގައި ކަމަށެވެ.

މެލެސްކާނޫ އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ ގައުމުން ބޭރުގައި ވޯޓްލާން ރަޖިސްޓްރީ ކުރަން ބޭނުންވި އެންމެނަށް އެ ފުރުސަތު ނުލިބުމުން އެކަމުގެ ޒިންމާ އުފުލެއްވުމުގެ ގޮތުން ކަމަށެވެ.

ރޯމޭނިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޖަރުމަނު ނަސްލުގެ ބޭފުޅެއް ކަމަށްވާ ކްލައުސް ލޮހާނިސްއެވެ. ބޮޑުވަޒީރު ވިކްޓާ ޕޮންޓާއާ ވާދަކުރައްވައި ލޮހާނިސް އިންތިހާބު ކާމިޔާބު ކުރެއްވި އިރު ގައުމުން ބޭރުގައި ވޯޓްލީ ގިނަ މީހުން ތާއީދުކޮށްފައި ވަނީ ވެސް ލޮހާނިސްއަށެވެ.