ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަގޮތުން ކުރިމަތިލި އެމްޑީޕީގެ 22 މެންބަރަކު ތިން އަހަރު ދުވަހަށް ޕާޓީން ސަސްޕެންޑު ކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ އެމްޑީޕީން ޓިކެޓް ދީފައި ނުވި ނަމަވެސް އެޕާޓީގެ ގިނައަދެއްގެ މެންބަރުން ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތި ލުމަކީ އެ ޕާޓީއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. މިގޮތުން މިއަދުގެ ނިޔަލަށް ޕާޓީއަށް ފާހަގަ ކުރެވުނު 22 މެންބަރުން ތިން އަހަރު ދުވަހަށް ޕާޓީން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

"ޕާޓީން ޓިކެޓު ދިނުމަށް ނިންމާ ކެނޑިޑޭޓުންގެ ބޭރުން ވެސް ޕާޓީގެ ބައެއް މެންބަރުން ވާދަކުރާތީވެ އެ މައްސަލަތައް ކެންޕޭނު އެގްޒެކްޓިވް ކޮމެޓީން ބަލަމުން ދަނީ،" ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި އެވެ.
އެމްޑީޕީން ސަސްޕެންޑު ކުރި 22 މެންބަރުން، ސަސްޕެންޑު ކޮށްފައިވަނީ ދެ ކެޓަގަރީއެއްގެ ދަށުންނެވެ.
ފުރަތަމަ ކެޓަގަރީ އަކީ ޕާޓީ ޓިކެޓުގައި ކުރިމަތިލެއްވުމަށްފަހު ޕްރައިމަރީޒް ގައި ހޮވިވަޑައި ނުގަތުމުން އަމިއްލައަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނެވެ. އެ ކެޓަގަރީން ހަތަރު މީހަކު ކުރިމަތި ލައްވާފައިވެއެވެ.

އަނެއް ކެޓަގަރީއަކީ އެމްޑީޕީގެ ޕްރައިމަރީޒްގައި ވާދަނުކޮށް އަމިއްލަ ގޮތުން ކުރިމަތިލެއްވެވި ފަރާތްތަކެވެ އެ ކެޓަގަރީން 18 މެންބަރަކު ކުރިމަތިލާފައިވާކަމަށް ހާމިދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީ ޕާޓީ ޓިކެޓުގައި ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާކަން ޕާޓީއަށް ފާހަގަކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ޓިކެޓުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ސަރަނގު އާދަމް މަނިކާއެކު އެމްޓީޕީ ޕްރައިމަރީޒްގައި ވާދަކުރެއްވެވި އެ ޕާޓީގެ އިސް އަންހެން އެކްޓިވިސްޓު އައިޝަތު ޝެރިން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވުމާ ގުޅިގެން އޭނާވެސް ވަނީ އެ ޕާޓީން މިދިޔަ ހަފްތާ ތެރޭގައި ވަކިކުރަން ނިންމާފަ އެވެ.