މާފަންނު ފަލާހު ޕްރީ ސްކޫލް ކައިރީގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި ސީރިއަސް ޒަހަމުތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ މާފަންނުގައި ހަދަމުން ގެންދާ އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން މިއަދު ހަވީރު 4:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ހަ ބުރިއަށް އިމާރާތްކޮށްފައިވާ އެ އިމާރާތުގެ މަތިން ވެއްޓުނު މީހާ ގޮސް ޖެހުނީ އެ އިމާރާތުގެ ދެ ވަނަ ބުރީގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އިމާރާތެއްގެ މަތިން ވެއްޓިގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ނަމަވެސް އޭނާ އަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ޒީނަތު ނުދެއްވަ އެވެ.

"އެމީހާ ވަރަށް ކްރިޓިކަލް ސްޓޭޖެއްގައި އޮތީ މިހާރު ވެސް ފަރުވާދެމުން ގެންދަނީ،" ޖީނަތު ވިދާޅުވި އެވެ.