19 Nov 2014, 16:36
ކޮންމެ ދުވަހަކު ވެސް ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލުމުން ނުވަތަ "ނެޕް" ކުރުމުން އިންސާނާގެ ސިކުނޑިއަށް ލިބޭ ފައިދާތައް ގިނައެވެ. އެގޮތައް ނިދުމުން ލިބޭ ފައިދާތަކާއި އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތް ކިޔައިލަ ދޭނަމެވެ.
ދުވާލު ގަޑީގައި ނިދަން ބޭނުންވަނީ ކީއްވެ؟
ޒަމާން ކުރިއަރަމުން އަންނަ ވަރަކަށް ކުރަންޖެހޭ މަސައްކަތް ދަނީ ގިނަވަމުންނެވެ. ދުވާލަކު އަށް ގަޑިއިރާއި 10 ގަޑިއިރާ ދެމެދު އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ނުވަތަ ސްކޫލުން ނިމިގެން ގެއަށް އައުމަށްފަހު ސިކުނޑިއަށް އެންމެ ބޭނުންވާނީ އަރާމެވެ. ހަށިގަނޑު ވެސް އެންމެ ބޭނުންވާނީ ސްޓްރެސް ލެވެލްތައް ދަށްކޮށްލައި، ސިކުނޑި ތާޒާކޮށްލައި، ބުންވަރު ރަނގަޅުކުރުމަށެވެ. އެ އިހުސާސްްތަކަކީ އަހަރުމެން ދުވާލު ގަޑީގައި "ރެސްޓު" ކުރުމަށް ނުވަތަ ކުޑަ ވަގުތު ކޮޅަށް ނިދާލުމަށް ބޭނުންވާ މައިގަނޑު ސަބަބެވެ.
ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދާލުމުން ލިބެނީ ކޮން ފައިދާތަކެއް؟
ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލުގެ ކުޑަ ވަގުތުކޮޅަކަށް ނިދާ މީހާގެ ސްޓްރެސް ލެވެލް ވަރަށް ދަށެވެ. ކުޑަ ވަގުތުކޮޅަކު ނިދާލާފައި ހޭލާއިރު މީހާގެ ސިކުނޑި ހުންނާނީ ތާޒާވެ، އަނެއްކާވެސް ބުރަކޮށް މަސައްކަތަށް ނުކުތުމަށް ތައްޔާރުވެފަ އެވެ. ކުރިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އެވެ.
ސަބަބަކީ ކަންކަމާއި މާބޮޑަށް ވިސްނުމުން ހަށިގަނޑުގައި އުފެދޭ ހޯމޯނެއް ނުވަތަ ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލްގެ މިންވަރު ދަށްވުމެވެ. އަދި ނިދަން އާދަކޮށްފައި ހުންނަ މީހުންނަށް ހިތުގެ ބަލިތައް ދިމާވުމުގެ ފުރުސަތު ވެސް ވަރަށް ކުޑަ ކަމަށް ދިރާސާއިން ދައްކަ އެވެ.
އެމެރިކާއިން ކުރި ތަހުލީލެއްގައި ބުނެފައިވާ ގޮތުގައި ސިކުނޑި ވަނީ ދެބަޔަކަށް ފަޅި ކުރެވިފަ އެވެ. އަދި ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދުމުން އެންމެ ފައިދާ ވަނީ އަހަރުމެންގެ ވަށައިގެންވާ ކަން ކަަމަަށް ސަމާލުވުމަށެވެ. ވިސްނުމާއި ހަނދާނުގެ ބާރު ކޮންޓްރޯލް ކުރާ ސިކުނޑީގެ ވައަތު ފަޅި "ކޮގްނިޓިވް" ބަޔަށް ކަމަށް ވެސް އެ ތަހުލީލުން ދައްކަ އެވެ.
ދުވާލުގަޑީގައި ނިދާލުމަށް އެންމެ ރަނގަޅު ގަޑިއަކީ ކޮބާ؟
ހެނދުނު ނުވައެއް ނުވަތަ އަށެއް ޖަހާއިރު ހޭލާ މީހުން އެންމެ ވަރުބަލު ވާނީ މެންދުރުފަ 1:00 އިން ހަވީރު 4:00 ދެމެދުގަ އެވެ. އެހެންކަމުން އެ ގަޑިތަކުގެ ދެމެދުގައި ނިދާލެވޭތޯ މަސައްކަތް ކުރާށެވެ. ހަވީރު 4:00 އަށް ވުރެ ލަސް ގަޑިއެއްގައި ނިދައިފިނަމަ ރޭގަނޑު ނިދަން އުނދަގޫވެދާނެ އެވެ. އެހެންވުމުން ހަވީރު ހަތަރަކަށްފަހު ނިދަން އާދަނުކުރާށެވެ. މިގޮތަށް ދުވާލު ގަޑީގައި ނިދާއިރު 20 މިނެޓު ނިދުމަށް އާދަކުރުން ރަނގަޅުވާނެ އެވެ. ވިހި މިނެޓު ނިދާލާފައި ހޭލުމަށްފަހު ސިކުނޑި ކުރިއަށްވުރެ "ސަމާލުވާނެ" އެވެ. ނިދާފައި ހޭލާ ގޮތަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނަމަ 45 މިނެޓަށް ނިދާލުން ވެސް އެންމެ ރަނގަޅެވެ. އަދި ވަގުތު އޮތްނަމަ، ބުއްދި ތާޒާކޮށްލަން އެންމެ ރަނގަޅުވާނީ ދޮޅު ގަޑިއިރާއި ދެ ގަޑިއިރަށް ނިދާލުމުންނެވެ.
ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދުމުގައި ބޭނުން ކުރާނެ އުކުޅުތައް:
އެންމެ ފުރަތަމަ ކަމަކީ ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ނިދަން އާދަ ކުރުމެވެ. ނިދާ ގަޑި ތަފާތުވެއްޖެނަމަ ބޭނުންވާ ކަހަލަ ނަތީޖާއެއް ނުލިބޭނެ އެވެ. ސިކުނޑިއަށް އަރާމު ދިނުމަށް ނިދަން އެންމެ ރަނގަޅު ގަޑިއަކީ މެނދުރު 1:00 އިން މެންދުރުފަހު 3:00 ދޭތެރޭގަ އެވެ. ދެ ވަނަ ކަމަކީ ކުޑަ ވަގުތު ކޮޅަކަށް ނިދަން ފަރިތަކުރުމެވެ. ނިދާލަން އެހާ ވަގުތު ދެވެން ނެތް ދުވަހެއްނަމަ އެ ދުވަހަކު އެންމެ ގިނައިރުވެގެން ވެސް ނިދަން ވާނީ 30 މިނެޓެވެ. ތިރީސް މިނެޓައްވުރެ ގިނަ އިރުވެއްޖެ ނަމަ ހޭލާއިރު ހުންނާނީ 'ބޮލަށް ބަރުވެ'ފައި ކަމަށާއި ފަސޭހައިން ނިދި ނުފިލާނެ އެވެ. ތިން ވަނަ ކަމަކީ އަނދިރިތަނެއްގައި ނިދުމެވެ. އަލިމަޑު ކުރަން ދޮރުފޮތިތައް ކަހާލައިގެން ނުވަތަ ލޯމަތީގައި ފޮތިން ހަދާފައި ހުންނަ "އައި މާސްކް" އެއް އަޅައިގެން ވެސް ނިދިދާށެވެ. ހަތަރު ވަނަ ކަމަކީ ހަށިގަނޑުގެެ ފިނިހޫނުމިން އެންމެ ހެޔޮ ވަރުގައި ބެހެއްޓުމެވެ. ވާރޭވެހި ފިނި ދުވަހެއް ނަމަ ހަށިގަނޑަށް ފިނިވިޔަ ނުދީ ރަޖާ އަޅައިގެން ނިދުން ނުވަތަ ހޫނު ދުވަހެއް ނަމަ ފަންކާ އެންމެ ބާރަށް އަނބުރާލައިގެން ނިދުމުން ލިބޭ އަރާމުކަން އިތުރުވެގެންދާނެ އެވެ. މަސްދަރު/ ބަޓާބިން