19 Nov 2014, 16:26
އެ ލެޕްޓޮޕުގެ އަގު މިލިއަން ރުފިޔާއަކަށް ނާރަ އެވެ. އެއީ ތިޔަ ހީކުރާ ވަރުގެ އަގުބޮޑު ލެޕްޓޮޕެއް ވެސް ނޫނެވެ. ނަމަވެސް އެ ލެޕްޓޮޕުގައިވާ އުފައްދުންތަކުގެ އަގު މިލިއަން ރުފިޔާ އިން ގުނާލެވޭނެ އެވެ. އެ ލެޕްޓޮޕަކީ ފިލްމީ ޑައިރެކްޓަރު އަބްުދުލް ފައްތާހުގެ ވޭތުވެދި ތިން އަހަރުގެ ފިލްމީ މަސައްކަތުގައި ބޭނުން ކުރި މަސްނުވީ ސިކުނޑި އެވެ.
އެ އަގު ހުރި "މެޝިންގަނޑު" މިއަދު ގެއްލިއްޖެ އެވެ. ލޮލުގެ ކޮއި ފަދައިން ލޯބިން ގެންގުޅުނު "އަސުސް" ލެޕްޓޮކް ވަގަށް ނެގީ ކަމަށް ފައްތާހު ޔަގީން ކުރެ އެވެ.
މޯލްޑިވްސް ފިލްމްސް އެސޯސިއޭޝަންގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވާ ފައްތާހު "ސަން"އަށް ވިދާޅުވީ އޭނާގެ ލެޕްޓޮޕް ވަގަށް ނެގީ އޭނާ ދިރިއުޅޭ ގެ، ހ. އަލިހުރަސްގޭ ދެ ވަނަ ފަންގިފިލާ އިން ކަމަށެވެ. ފައްތާހުގެ ކޮއްކޮ ދިރިއުޅޭ އެޕާޓްމަންޓުގައި ބަހައްޓާފައި ހުއްޓާ އެ ލެޕްޓޮޕް ވަގަށް ނެގި މައްސަލަ ވަނީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފަ އެވެ. އެ ގެއިން އެ ވައްކަން ކުރި ކަމަށް ވަނީ އިއްޔެ ހަވީރު 5:00 އާއި އިރުއޮއްސި 7:30 ދޭތެރޭގެ ވަގުތެއްގައި ކަމަށްވެ އެވެ.
ފައްތާހު ބުނީ އެ ލެޕްޓޮޕަކީ ފާއިތުވި ތިން އަަހަރު ދުވަހު އޭނާ ފިލްމީ ދާއިރާގައި ކޮށްފައިވާ މަސައްކަތްތައް ހިމެނޭ ލެޕްޓޮޕެއް ކަމަށެވެ. އަދި ލެޕްޓޮޕް ވަަގަށް ނެގިއިރު އޭގައި މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ ދިވެހި ފިލްމް "ހަތަރުހަޅަ" ގެ ބުރަ މަސައްކަތުގެ އުފެއްދުންތައް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"ހަތަރު ހަޅައިގައި އަޅުގަނޑުގެ ޑައިރެކްޝަންގެ މެޓީރިއަލްތަކާ ވެސް އެއްކޮށް ލެޕްޓޮޕް ގެއްލުނީ، ދެން ޖެހޭނީ އަލުން ޝޫޓް ކުރަން، އޭރުން މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ވާނެ،" ފައްތާހު ބުންޏެވެ.
"އަސުސް"ގެ ބްރޭޑްގެ ކަޅުކުލައިގެ އެ ލެޕްޓޮޕަކީ 17 އިންޗީގެ ލެޕްޓޮޕެއް ކަމަށާއި ލެޕްޓޮޕް ގެއްލިފައި ވަނީ އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ދިވެހި ފިލްމް އާދޭސްގެ ބިލްތައް ފަދަ ބައެއް ޑޮކިއުމަންޓްތައް ވެސް ލެޕްޓޮޕްލާފައި އިން ދަބަހުގައި ހުއްޓާ ދަބަހާ ވެސް އެއްްކޮށް ކަމަށް ފައްްތާހު ބުންޏެވެ. އަދި އެ ލެޕްޓޮޕާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7777632 ނަމްބަރަށް ގުޅައި އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް ވެސް ފައްތާހު ވަނީ އެދިފަ އެވެ.