19 Nov 2014, 16:14
އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަކްރަމް ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ މިދެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ޝާޒްލީ ޝަފީގު އިސްތިއުފާ ދެއްވިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.
އަސްލަމު އިސްތިއުފާ ދެއްވައި މިއަދު އެ ޕާޓީގެ ޗެޢާޕާސަން އަލީ ވަހީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ޕާޓީގެ ތެރޭގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ސިޔާސީ އަދި އާއިލީ ވަދަވެރިކަން އިތުރުވެ، އަޅުގަނޑު މަގާމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ހޮތުގައި އުފުލުމަށް ހުރަސްތަކެއް ތަކުރާރުކޮށް އަޅަމުން ދިޔުމުގެ އިތުރުން، ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވަމުންދާ ބައެއް ފަރާތްތަކުން އަޅުގަނޑު މި މަގާމުގައި ހުރުމާ މެދު ޒާތީ ސަބަބުތަކަށް ޓަކައި ނުރުހޭ ކަން ތަކުރާރުކޮށް ފާޅުކޮށްފައިވާ" ކަމަށެވެ.
އަސްލަމުގެ އިސްތިއުފާ ސިޓީގެ ކޮޕީ ވަނީ ސަން އަށް ލިބިފަ އެވެ.
އޭނާގެ ސިޓީގައި ތުހުމަތު ކުރައްވާފައި ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް "ފާޅުގައި އިސް ލީޑާޝިޕުން ނުފޫޒު ފޯރުވައި މިނިވަންކަމާއި އިންސާފާ އެކު ޕާޓީގެ ކަންކަން ކުރިޔަށް ގެންދިއުމަށް، އެ ފަރާތްތަކުން ތަފާތު ފިއްތުންތައް ކުރިމަތިކުރުވާފައިވާ" ކަމަށެވެ.
އޭނާ ވިދާޅުވީ "ވަކި ބަޔަކަށް ސަނާ ކިއުމާއި ވަކި ފަރާތްތަކަކަށް އަޅުދާސްވެ ހުރެ، މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރާ ކަމެއް ކަމުގައި ނުވާތީ އާއި ފުރިހަމަ އަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ މާހައުލެއް ނެތުމުން މިއަދުން ފެށިގެން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނާއިބުކަމުން އަޅުގަނޑު އިސްތިއުފާދީފި ކަމުގައި ދަންނަވާ" ކަމަށެވެ.