19 Nov 2014, 15:42
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު 'ސަން' އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ކަމަށެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާގައި ސިފައިން "ވަރުބަލި ކުރުމަށް ފަހު" 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަނުމަށް ދޭހަވާގޮތަށް އޭނާ ވާހަކަދައްކަވާފައިވާ ކަމަށް ތުހުމަތުކޮށެވެ.
އުމަރުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލާފައިވަނިކޮށެވެ.