19 Nov 2014, 15:35
ފޮރެންސިކް ސައިންސާއި ފޮރެންސިކް މެޑިސިންގެ ދާއިރާ އިން އިންޑިއާގައި އެއް އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމަށް ފަހު ހަތަރު ފުލުހަކު ފުލުހުންގެ ހިދުމަތާ ގުޅިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު އިންޑިއާގައި ހިންގި އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ނިންމުމަށް ފަހު ހަތަރު ފުލުހުން ހިދުމަތާ ގުޅިފައިވާ މި މަހު ކަމަށެވެ.
އިންޑިޔާގެ ހައިދަރު އާބާދުގައި ހުންނަ، ސަރުދާރު ވައްލަބާއީ ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައި ހިންގި އެކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައި ވަނީ ޕޮލިސް ސާޖަންޓް ޢާތިފާ ހަސަން އާއި ޕޮލިސް ސާޖަންޓް މުހައްމަދު ނިޔާޒް އާއި ޕޮލިސް ސާޖަންޓް މުހައްމަދު އިބްރާހީމް އާއި ޕޮލިސް ކޯޕްރަލް ހާމިދާ ޢަބްދުލް އަލީމް އެވެ.
ފުލުހުން ބުނީ އެއް އަހަރު ދުވަހުގެ ނިޔަލަށް ހިންގި އެކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވާދީފައި ވަނީ ފޮރެންސިކް ސައިންސާއި ފޮރެންސިކް މެޑިސިން އާއި ކޮމްޕިއުޓިން އާއި ޕޮލިސިން ސްކިލްސްގެ އިތުރުން ފިޒިކަލް ޓްރޭނިން އާއި އަންއާމް ކޮމްބެޓުގެ ބައިތަކާއި އެނޫނަސް ފުލުހުންނާ ގުޅުންހުރި މާއްދާތައް ކަމަށެވެ.
އެ ކޯސް ފުރިހަމަ ކުރި ހަތަރު ފުލުހުން މާލެ އައުމުން އިންޑިޔާ ސަފީރު ރަޖީވް ސަހާރޭ ވަނީ ހަތަރު ފުލުހުންނާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެފައި ކަމަށް ފުލުހުން ބުނެ އެވެ.