19 Nov 2014, 15:26
މާރާމާރީ ހިންގާ މީހުންނަށް ލިބިދޭ ހަނުހުރުމުގެ ހައްގު ހަނިކުރުމަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
އެ ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 66 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓް ދެއްވާފައިވެ އެވެ. ބިލް މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވާފަ އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން މާރާމާރީ ހިންގާ މީހުންނަށް ހަނުހުރުމުގެ ހައްގު ހަނިކުރުމުގެ އިތުރުން ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ހަނިިކުރެވިގެންދާނެ އެވެ.
ދީދީ ހުށަހެޅުއްވި ބިލްގައި ބުނަފައިވާ ގޮތުން މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކުރާ އަނިޔާ ކަމަށް އެ ގާނޫނުގައި މިހާރު ހިމަނާފައި ވާތީ އެނޫން ގޮތްގޮތަށް ވެސް މީހުންގެ ހަށިގަނޑަށް ގެއްލުން ދިނުމަކީ އެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައެޅިގެންދާނެ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ދީދީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމާއި ތޫނު ހަތިޔާރު ބޭނުންކޮގެން މާރާމާރީ އެއްގައި މީހަކު މަރުވުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ ގުނަވަނެއް ނެތިގެން ގޮސްފި ނަމަ އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ކުށް ކަނޑައަޅައި އެ ކުށަށް ދެވޭނެ އަދަބު އެ ގާނޫނުގެ ދަށުން ކަނޑައަޅިގެންދާނެ އެވެ.
އެގޮތުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލައިފި ނަމަ ކަނޑައަޅާފައި ވަނީ މަރުގެ އަދަބެވެ. ނަމަވެސް މަރުގެ ދިޔަ ހޯދުމަށް ފަހު ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި ވާރިސުން އެމީހަކަށް މައާފުދީފި ނަމަ އެ މީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުމެވެ. އަދި އެފަދަ ކުށެއްގައި ހައްޔަރުކުރާ މީހާގެ މައްޗަށް ދައުވާ ކުރުމަށް ޓަކައި ގިނަވެގެން 15 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް ކޯޓަށް ހުށަހަޅަން ޖެހެ އެވެ. ހަމައެހެންމެ ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހުކުމްކުރަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
ބިރުދެއްކުމާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ދީދީ ހުށަހެޅި އިސްލާހުގައި ބުނެފައިވާ ގޮތުން މީހަކު މަރަން އުޅުމަކީ ނުވަތަ އެ ކުށް ކުރަން އެހީތެރިވުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.