ގދ. ތިނަދޫ ކައުންސިލަރަކާއި އިތުރު މީހަކު އެރަށު ޕޮލިސްޓޭޝަނަށް ގެއްލުންދިން މަންޒަރު ފެނުނު ކަމަށް މީހަކު މިއަދު ހެކިބަސްދީފި އެވެ.

ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަޑު ބަދަލުކޮށްގެން ހެކިބަސްދިން މީހަކު ބުނީ ތިނަދޫ ކައުންސިލަރު، އެ ރަށު އަބުހަރީއާގޭ ސައުދު އަލީ ޕޮލިސްޓޭޝަނާއި ތިން ފޫޓު ކައިރީގައި ހުރެ އެތަނަށް ގާ އުކިތަން އޭނަ އަށް ފެނުނު ކަމަށެވެ. އަދި އޭނާ އެއްލި ގާ ބުރި ޕޮލިސްޓޭޝަންގެ ބިއްލޫގަނޑުގައި ޖެހި ތަޅައިގެންގޮސް އެތެރެއަށް ދިޔަ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ސައުދުއާ ދެކޮޅަށް އެކަކު ހެކިބަސް ދިން ނަމަވެސް ހަމައެގޭ ސާލިމް އަލީއާ ދެކޮޅަށް ދެ މީހަކު ވަނީ ހެކިބަސްދީފަ އެވެ.

ސާލިމް ޕޮލިސްޓޭޝަނަށް ގާ އުކަނިކޮށް ފެނުނު ކަމަށް ފުރަތަމަ ހެކިބަސްދިން މީހާ ބުނި ނަމަވެސް އޭނާ ގާ އުކުމުގެ ސަބަބުން ޕޮލިސްޓޭޝަނަށް ގެއްލުންވި ކަމެއް ބުނެދޭން ނޭނގޭ ކަމަށް ހެކިބަސްދިން މީހާ ބުންޏެވެ.

ސާލިމްއާ ދެކޮޅަށް ދެވަނަ އަށް ހެކިބަސްދިން މީހާ ބުނީ އޭނާ އެއްލި ގާބުރި ޕޮލިސްޓޭޝަންގެ ބިއްލޫރިގަނޑުގައި ޖެހި ތަޅައިގެން ގޮސް އެތެރެއަށް ވަދެގަތްތަން އޭނާ އަށް ފެނުނު ކަމަށެވެ. އަދި އޭގެ ފަހުން ޕޮލިސްޓޭޝަންގެ ދިދަ ދަނޑިއަށް އަރައި ސާލިމް އެ ދިދަ ނަގައިގެން ގެންދިޔަތަން ވެސް އޭނާ އަށް ފެނިފައިވާ ކަމަށެވެ.

ސާލިމް ދިދަ ނަގައިގެން ދިޔުމުން ގދ. ތިނަދޫ ލައިޓްރޯސް އިބްރާހީމް މުހައްމަދު ޕޮލިސްޓޭޝަންގައި އެމްޑީޕީގެ ދިދައެއް ނަގަން އުޅެނިކޮށް ފެނުނު ކަމަށް ވެސް މީހަކު ވަނީ ހެކިބަސްދީފަ އެވެ.

އެ ދެ މީހުންގެ އިތުރުން އިތުރު ބަޔަކު ޕޮލިސްޓޭޝަންގެ ތެރެއަށް ގާ އުކި ކަމަށް ވެސް ހެކީންގެ ހެކިބަސް ލިބިފައިވެ އެވެ. އެހެންނަމަވެސް އެމީހުން އެއްލިގާ ޕޮލިސްޓޭޝަންގައި ޖެހުނުތަން ނުފެންނަ ހެކީން ވަނީ ބުނެފައެވެ. އެ މީހުންގެ ތެރޭގައި ގދ. ތިނަދޫ މިނިވަންއައްސޭރި އަހްމަދު ހާޝިމް އާއި އެރަށު މާއޮޅު ޝިމްހާދު އަހްމަދު އާއި އެރަށު ޗާންދު ތައުމީން މުހައްމަދު އާއި އެރަށު އަކިރި ޝިމްހާދު އަހްމަދާއި އެރަށު ރިހިވެލި އަހްމަދު ރިޝާމް ޝަރީފާއި އެރަށު ވެސްޓްޕޯލްއިރު އަހްމަދު ސަލީމް ހިމެނެއެވެ.

އެމީހުންގެ ތެރެއިން ބައެއް މީހުން ޕޮލިސްޓޭޝަން އެތެރެއަށްވަދެ އެތަނުގައި ހުރި ތަކެތި ލޫޓޫވައި ހެދިކަމަށް ވެސް ހެކިބަސްދީފައިވެ އެވެ. އަދި ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ގައިސު މެގަ ފޯނެއް ހިފައިގެން ޕޮލިސްޓޭޝަން ކައިރީ ހުއްޓައި ފެނުނު ކަމަށް ވެސް މީހަކު ހެކިބަސްދީފައިވެއެވެ.

ތިނަދޫ ޕޮލިސްޓޭޝަނަށް ގާ އުކައި ގެއްލުން ދިނުމަށްފަހު ބަޔަކު މީހުން ވަނީ އެތަނުގައި ހުޅުޖަހައި އަންދާލާފައެވެ. އެ މައްސަލައާ ގުޅިގެން 89 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.