19 Nov 2014, 14:44
ޕްރޮސިއުޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ އިތުރުން ނުވަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެ އޮފީހުން ވެސް ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ޕީޖީ އޮފީހުން 51 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް އެދުނު ނަމަވެސް ފިނޭންސް އިން މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ދިނުމަށް ހިމަނާފައި ވަނީ 34 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ އިތުރުން ނުވަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮފީސްތަކެއް ވެސް އެކުލަވާލަން އެބަ މަޖުބޫރު ކުރޭ ގާނޫނީ ގޮތުންވެސް، މިހެން މިކަންތައް ހުރިއިރުގައި މިވަރުގެ ކުޑަ ބަޖެޓަކުން އަޅުގަނޑަށް އޮފީސް ހިންގިދާނެ ކަމާމެދު ސުވާލު އުފެދޭ، އަލޫގަނޑުމެން ރިވައިސްކޮށްފައި މިހާރު އިދާރީ މޭޒާއި ހަވާލުކޮށްފައި އޮންނާނެ އިތުރަށް ބޭނުންވާ ކަމަށް މިހާރު މިދެއްވާފައިވާ އަދަދަށް ވުރެ ނުވަ މިލިއަން." ޕީޖީ މުހުތާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރަށް ނުވަ މިލިއަން ބޭނުންވާ ކަންކަމުގެ ތެރޭގައި 4.2 މިލިއަން މުސާރައަށާއި 2.8 މިލިއަން ކެޕިޓަލް ހަރަދުގެ އިތުރުން ދެ މިލިއަން ރުފިޔާ އެހެނިހެން ހަރަދުތަކަށް ބޭނުންވާ ކަމަށެވެ.
މުއައްޒަފުންގެ މުސާރަ އަށް އަންނަ އަހަރު ލަފާކޮށް 33 މިލިއަން ރުފިޔާ ހޯދަން ހުށައެޅި ނަމަވެސް މުޅި ބަޖެޓެއްގެ ގޮތުގައި ޕީޖީ އޮފީހަށް ދީފައި ވަނީ 34 މިލިއަން ރުފިޔާ ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ. އެވެރެޖް ގޮތެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ލޯޔަރެއްގެ މުސާރައަކީ 24000 ރުފިޔާ ކަމަށާއި މުއައްޒަފުން އެއޮފީހުގައި ނުހިފެހެއްޓޭތީ ދާދިފަހުން މުއައްޒިފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ އެ އޮފީހުގެ ލިޔެކިޔުންތައް ރަނގަޅުކޮށް ޑިޖިޓަލަލް ކުރުމަށް ހާއްސަ ސޮފުޓުވެއާއެއް ގާއިމް ކުރުމަށް 1.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި ނަމަވެސް މިހާރު ދެއްވާފައި ވަނީ 1.3 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން އިތުރަށް އެކަމަށް ވެސް ފަސް ލައްކަ ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"މިސޮޓުވެއާގެ ސަބަބުން ކަރުދާހުގެ ހަރަދު ވަރަށް ބޮޑުތަން ދަށް ކުރެވި އިދާރީ މުއައްޒަފުންގެ އަދަދު މަދުކުރެވޭނެ،" ޕީޖީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސޮފްޓުވެއާ ގާއިމު ކުރެވުމުގެ ސަބަބުން އެ އޮފީހަށް މައްސަލައެއް ފޮނުވާތާ ހަފްތާއެއްގެ ތެރޭގައި ކޯޓަށް ފޮނުވޭނެ ކަމަށެވެ. އަދި މިހާރު ވެސް އާންމުގޮތެއްގައި އެ މުއްދަތުގައި މައްސަލަތައް ކޯޓަށް ފޮނުވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި އެ ސޮފުޓުވެއާއަކީ މުޅި ރާއްޖެ ކަވަރުވާގޮތަށް އެކުވަލާވޭ ސޮފުޓުވެއާއެއް ކަމަށް ވިދާޅުވި އެވެ.
ޕިޖީގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އެމްޑިޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޕީޖީ އޮފީހުގެ ބަޖެޓަށް އިތުރުކުރަން ބޭނުންވާ ދަތުރުފަތުރުގެ ހަރަދާއި މުއައްޒިފުންގެ މުސާރާގެ އިތުރުން ލިޔެކިޔުންތައް ޑިޖިޓަލްކުރަން ބޭނުންވާ ހަރަދު ދޭން ފެންނަ ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ޕާލަމަންޓުރީ ގްރޫޕޫގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު އަދި ޖުމްހޫރީ ޕާޓީ އިން ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވެސް ވަނީ ޕީޖީގެ ބަޖެޓު ބޮޑުކޮށްދިނުމަށް ތާއީދު ކުރައްވާ ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓަރާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.