19 Nov 2014, 14:37
އަލަށް ފާސްކުރާ ކޮންމެ ބަޖަޓަކާ އެކު އާ ޓެކްސްއެއް ތައާރަފްކުރާ ނަމަ އޭގެ ސަބަބުން ވިޔަފާރިތަކަށް ބުރޫއަރާފާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭއިން) ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 24.3 ބަޖެޓަށް އެމްއެމްއޭ އިން އަރުވާފައިވާ ލަފާގައި ބުނެފައި ވަނީ ކޮންމެ އަހަރަކަށް ފާސްކުރާ ބަޖެޓަކާ އެކު އާ ޓެކްސެއް ތައާރަފުކޮށް ޑިއުޓީތަކަށް ބަދަލުގެންނަ ނަމަ އޭގެ ސަބަބުން ވިޔަފާރިތަކަށް ބުރޫ އަރާނެތީ ޓެކްސްއެއް ނަގާ ނަމަ ކުރިއަށް އޮތް ތިން އަހަރަށް ރާވައި ބަދަލުގެންނަން އެދޭ ކަމަށެވެ.
"ކޮންމެ އަހަރެއްގެ ބަޖެޓާ އެކު އާ ޓެކްސެއް ތައާރަފްކުރުން، ނުވަތަ ޓެކްސް ރޭޓް ނުވަތަ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަކީ ވިޔަފާރިތައް ޕްލޭންކުރުމަށް އެކަށިގެންވާ ވަގުތު ނުލިބި، އޭގެ ސަބަބުން ވިޔަފާރިތަކަށް ބުރޫ އަރާނެ ކަމެއް ކަމުގައިވާތީ، ވިޔަފާރިތަކުން ނަގާ ޓެކްސް މަދުވެގެން ތިން އަހަރަށް ރާވައި އަދި ތިން އަހަރުގެ ތެރޭގައި އެއަށް ބަދަލުގެނައުން،" އެމްއެމްއޭ އިން އަރުވާފައިވާ ލަފާގައި ބުނެފައިވެ އެވެ.
އެމްއެމްއޭގެ ލަފާގައި އިތުރަށް ބުނެފައި ވަނީ ބަޖެޓް ފާސްކުރުމަށް ފަހު ބަޖެޓުގެ ހަރަދު އިތުރުވެގެންދާނެ ގޮތަކަށް ސިޔާސަތުތައް ބަދަލު ނުގެނައުމަށެވެ. ސަބަބެއްކަމަށް ބުނެފައި ވަނީ ސިޔާސަތުތަކަށް ބަދަލެއް ގެނެސްފި ނަމަ ބަޖެޓުގެ ދަރަނި އިތުރުވެ ދަރަނި ފައިނޭންސް ކުރުމަށް ދަތިވެދާނެތީ ކަމަށެވެ.
ހަމަ އެހެންމެ މަޝަރޫތައް ފައިނޭންސް ކުރުމަށް ފައިސާ ލިބުމުން ނުވަތަ ޔަގީންކަމެއް ލިބުމުން ނޫނީ މަޝްރޫތައް ނުފެށުމާއި ސަބްސިޑީގެ ގޮތުގައި މިހާރު ދެމުންދާ ފައިސާ އަކީ ޓާގެޓުކުރެވިގެން ދެވޭ އެއްޗަކަށް އަންނަ އަހަރުގެ ޗެނުއަރީ އިން ފެށިގެން ހެދުމަށް ލަފާއަރުވާފައިވެ އެވެ.
ދައުލަތުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށް ދައުލަތުގެ ހިންގުމުގެ އޮނިގަނޑު ކުޑަކުރުމަށާއި އެގޮތުގެ މަތިން މަޖިލީހުގެ މެމްބަރުންގެ އަދަދާއި ކައުންސިލަރުންގެ އަދަދު ރާއްޖެއާ އެކަށިގެންވާ މިންވަރަކަށް ކުޑަކުރުމަށް ލަފާއަރުވާފައިވެ އެވެ. ދައުލަތުގެ ހަރަދު ކުޑަކޮށް ކުރު މުއްދަތުގެ ދަރަނިތައް ދިގު މުއްދަތުގެ ދަރަންޏަށް ބަދަލުކޮށް ދަރަނި ފައިނޭންސް ކުރުމަށް ދިގު މުއްދަތުގެ ފޮރިން ބޮންޑް ކުޑަ އިންޓުރެސްޓް ރޭޓުގައި ވިއްކުމަށް ވެސް ވަނީ ލަފާ އަރުވާފަ އެވެ.
އެލަފާގައި އިތުރަށް ބުނެފައި ވަނީ އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ ކުރިއެރުންތަކެއް ހޯދާފައިވާ ބަޖެޓެއް ކަމަށެވެ.
އަންނަ އަހަރަށް 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަފައިވާ އިރު އެއީ މި އަހަރުގެ ރިވައިޒްޑް ބަޖެޓަށް ވުރެ 36 ޕަސެންޓް ބޮޑު ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޑެފެސިޓަކީ 1.3 ބިލިއަން ރުފިޔާ ކަމަށްވާ އިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 2.5 ޕަސެންޓް އެވެ. އާމުދަނީ އާއި އެހީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަންނަ އަހަރު އުފެއްދުންތެރިކަން ކުރިއަރާނީ 10.5 ޕަސެންޓް ކަމަށް ލަފާކުރާ އިރު އިންފުލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.7 ޕަސެންޓުގައެވެ.
އަންނަ އަހަރުގެ ދަރަނި 33.0 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ އިރު އެއީ ޖީޑީޕީގެ 63.2 ޕަސެންޓެވެ.
އަންނަ އަހަރަށް ލަފާކޮށް، 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައިވާ އިރު ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާ އަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން އަށް ޕަސެންޓް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފައިވެ އެވެ.