19 Nov 2014, 14:36
ވައިގެ ދަތުރުފަތުރުގައި ދިވެހިންގެ އަތުން ނަގަމުންދާ ޓޫރިޒަމް ގްޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) ހަމައެކަނި ޓޫރިސްޓުންގެ އަތުން ނަގަން ޖެހޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކޮށްފި އެވެ.
އެ ބިލް ފާސްކޮށްފައި މިއަދުގެ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތައް ބޭނުން ކުރާ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ (ޓީޖީއެސްޓީ) މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 12 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި އެއާއެކު ވައިގެ ދަތުރުފަތުރުގައި ދިވެހިންގެ އަތުން ވެސް ވަނީ ޖީއެސްޓީ ނަގަން ފަށާފަ އެވެ.
ޓޫރިސްޓުންނަށް ހާއްސަ ކޮށްފައިވާ އެ ޓެކްސް ދިވެހިންގެ އަތުން ނެގުން ހުއްޓުވުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުްނގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. އެނާ ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްވީ މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު (ޓޮކް) ހުށަހެޅުއްވި އިސްލާހަކާއެކު އެވެ. އެ އިސްލާހުގައި ބުނެފައިވަނީ ވައިގެ ދަތުރުފަތުރުގައި ދިވެހިންގެ އަތުން ޓެކްސް ނުނެގުމަށެވެ.
މި މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުވުމާ އެކު ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ފިކްނިކް އައިލެންޑްތަކާއި ޓޫރިސްޓު އުޅަނދުތަކުގެ އިތުރުން ޔޮޓް މެރީނާތަކުން ވެސް ދިވެހިންނަށް ހިދުމަތް ދޭނީ 12 ޕަސެންޓުގެ ޓެކްސްއަކާ އެކު އެވެ.