ދިވެހިންނަކީ ކަނޑުގެ ދަރީންނެވެ. ގިނަ ދިވެހިން އެންމެ އުފާވާނީ ރަނގަޅު މަސްވެރިކަމެއް ކުރެވުނީމަ އެވެ. ގިނަ މަސްތަކެއް ބޭނުމަކީ ނުވަތަ ބޮޑު ބިޔަ މަހެއް ބޭނެވުމަކީ ބޮޑު އުފަލެކެވެ. މަސްވެރިކަމުގެ ސިނާއީ ރަށެއް ކަމަށްވާ ގއ. ކޫއްޑޫގެ ކަލަމިންޖާ 403ގެ ފަޅުވެރިންނަށް ރޭ ލިބުނީ މަސްވެރިކަމުގެ އުފާތަކުގެ ތެރެއިން ބޮޑު އުފަލެކެވެ.

ކޫއްޑޫގެ ނެރުމައްޗާއި ދާދި ކައިރިން އެމީހުން ބޭނި ބޮޑު ފާނައިގެ ކަރު ގޮހޮރު ނެގުމުން ވެސް އޭގެ ބަރުދަނުގައި 81 ކިލޯ ހުއްޓެވެ. ފާނައިގެ ދިގުމިން ބޯޓުގެ ފަޅުވެރިންގެ ތެރެއިން އެންމެ އިސްކޮޅުން ދިގު މީހާއާ އެއްވަރެވެ. ފަލަމިނަށް ބެލިޔަސް ފާނަޔަށް ވުރެ ފަލަ މީހަކު ބޯޓުގައި ނެތެވެ. އެފަދަ ބިޔަ މަހެއް އެތަނުގައި އުޅޭކަން ބޯޓުގެ ފަޅުވެރިން ދެނެގަތީ މާ ގިނައިން ނަނުތައް ކަނޑާތީ އެވެ.

"...ގަނެ ގަނެފައި ކަނޑަނީ. ދެން އެހެންވެ، އަޅުގަނޑުމެން ނަނުގައި ނަރުގަނޑެއް ލާފައި އަނެއްކާ ދޫކުރީ،" ފާނަ ބޭނި ގޮތް ކިޔައިދެމުން ކަލަމިންޖާ 403ގެ ކެޕްޓަން ސޮލާހު ނާސިރު ބުންޏެވެ.

އޭނާ ބުނީ ފާނަ ބޯޓަށް ނެގީ ކްރޭން ބޭނުންކޮށްގެން ކަމަށެވެ.

"ގަޑިއެއްހާއިރު ހޭދަވި ފާނަ ބަލިކުރަން. ދެން ވަކި ހިސާބަކަށް ނެގުނީމާ ވާގަނޑެއް ޖަހައިގެން ބޯޓުގެ ކްރޭން ބޭނުންކޮށްގެން ނެގީ،" ސޮލާހު ބުންޏެވެ.