ހދ. ކުޅުދުއްފުށީ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގެ ސަންޑެކު މަތިން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ މެންދުރު ފަހު ހިނގި އެ ހާދިސާގައި ސަފާރީއެއްގެ ސަންޑެކު މަތިން ޓޫރިސްޓު މީހާ ވެއްޓި އޭނާގެ ބޯފަޅައިގެން ދިއުމާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ސަންޑެކް މަތިން ވެއްޓުނީ ގޮނޑިއެއްގައި އިށީންނަށް އުޅުނު ވަގުތު ކައްސާލައިގެންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ އުމުރުން 56 އަހަރުގެ ފުރާންސަށް ނިސްބަތްވާ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ 3:30 އެހާކަންހާއިރު ކަމަށާއި ގެންދިޔަ އިރު އޮތީ ހޭނެތިފައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ގިނަ އަދަދަކަށް ބޮލުން ލޭފައިބައިފައިވާ ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓު މީހާ ވެއްޓި ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން އިތުރު އަނިޔާއެއްވެފައެއް ނުވެ އެވެ.

"އެމީހާގެ ބޮލަށް ހުރީ ޑީޕް އިންޖަރީއެއް ވެފައި. ސީޓީ ސްކޭން ނަހަދަންޏާ ލިބުނު ސީދާ އަނިޔާއެއް ނޭނގޭނެ ދެއްތޯ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

ޓޫރިސްޓު މީހާ މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ 7:00 ހާއިރު ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.

ފްރާންސްގެ ޓޫރިސްޓު މީހާގެ ހަށިގަނޑު ފަތިހުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.