ފެނަށް ލޯބިކުރަން ހެއްޔެވެ؟ ވަރަށް ގިނައިރު ވަންދެން ފެންމާގަޑު ދަށުގައި ހުންނަ ހިތްވޭ ހެއްޔެވެ؟ އެއީ ހެނދުނު ހެނދުނާ ނުވަތަ ބުރަ ދުވަހެއްގެ ތާވަލު ނިމުމަށް ފަހު ހެއްޔެވެ؟ މޫދު ނުވަތަ ފެންގަނޑެއްގައި ފަތާލަން ބޭނުންވޭ ހެއްޔެވެ؟ ނޫނީ ވާރެޔާ ތެމޭ ހިތްވޭ ހެއްޔެވެ؟ ތަފާތު މީހުންގެ ހުންނާނީ މިތަނުން ތަފާތު ރަހަތަކެވެ.

ޝައްކެތްނެތެވެ. ފެނަކީ އަހަރެމެންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ބައިވެރިއެކެވެ. އަދި ހަމައެއާ އެއްވަރަކަށް ހަށިގަނޑަށް ފައިދާ ވެސް ކުރުވާ އެއްޗެކެވެ. ސާފު ފެންފޮދެއް ބޯލުމުން އެހެން ހުރިހާ ބުއިމަކަށް ވުރެ އަވަހަށް ކަރު ހިއްކުން ފިލައިދެ އެވެ. އަދި ހަމައެއާ އެކު ހަށިގަނޑަށް ދިރުންލިބި ހަށިގަނޑުގެ ހިނގުމަށް އިތުރު ބާރަކާއި ހިތްވަރެއް ލިބިގެންދެ އެވެ. އަދި މިއީ ހަންގަނޑުގެ އިތުރުން ހަށިގަނޑުގެ މަސްތަކަށް ވެސް ހުރި ފަރުވާއެކެވެ. ހަށިގަނޑުގައިވާ ސަރުބީތައް ނައްތާލައި ހަށިގަނޑުން އުފެދޭ ވިހަ މާއްދާތައް ނައްތާލުމަށް ވެސް ފެން ވަރަށް ބޮޑު ރޯލެއް ކުޅެއެވެ. ވުމާ އެކު ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެންމެ މުހިންމު އެއްޗަކަށް ވެފައިވަނީ ފެނެވެ.

ފެނުން ލިބިދޭ ފައިދާތައް އެނގުމާ އެކު އެ ބޭނުން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާލުން ވެސް މުހިންމެވެ. ފެން ބޯއިރު ކަރު ހިއްކުން ފިލާވަރަށް ވުރެ ދެގުނަ އިތުރުކޮށް ބޯށެވެ. އަދި ގިނަ ގިނައިން ފެން ބޯން އާދަކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ދުވާލަކު މަދުވެގެން އަށް ތަށި ފެން ބޯށެވެ. ނުވަތަ އެންމެ މަދު މިންވަރަކީ ތިބާގެ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ހަ ކިލޯއަކަށް ފެންތައްޓެއްގެ ނިސްބަތުން ބުއިމެވެ.

ފެނަކީ ހަށިގަނޑަށް މިހާ މުހިންމު އެއްޗަކަށް ވާއިރު ހަށިގަނޑުގައި ފެން ހިމެނިފައިވާ ނިސްބަތް ވަރަށް ބޮޑެވެ. އެގޮތުން ސިކުނޑީގެ 90 އިންސައްތަ އަދި ލޭގެ 82 އިންސައްތަ އަކީ ވެސް ފެނެވެ. އަދި ކެއުމަށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގައި ވެސް ގިނަ އަދަދަކަށް ފެން އެކުލެވިގެންވެ އެވެ.

މައުލޫމާތު: ހެލްތްޑައިޖެސްޓް