އިންޑިއާގެ ސިމްސް ހޮސްޕިޓަލުގެ ހަތަރު ޑޮކްޓަރުންނާ އެކު މާލޭގައި ހުންނަ ހެލްތު މިނިސްޓްރީގެ ދަމަނަވެށީގައި "ފްރީ ހެލްތު ކޭމްޕް"އެއް ފަށައިފި އެވެ.

އިންޑިއާގެ ސިމްސް ހޮސްޕިޓަލާއި އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި ހެލްތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ދަމަނަވެށީގައި ފަށާފައިވާ އެ ހެލްތު ކޭމްޕްގެ ދަށުން ކޭމްޕް ކުރިއަށްދާ މުއްދަތުގައި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މެޑިކަލް ކޭމްޕް ފެށުމަށް މިއަދު ދަމަނަވެށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އިންޑިއާ އާއި ދިވެހި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްދާ ކޭމްޕްގައި ސިމްސް ހޮސްޕިޓަލުގެ ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކާއި ހަމުގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ދަމަނަވެށީގައި ފަރުވާ ދެއްވާނެ އެވެ.

އެ ކޭމްޕް ފެށުމަށް މިއަދު ދަމަނަވެށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަފީރު ޝަހާރޭ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް 50 އަހަރު ފުރުމުން އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި މިއަދު ފަށާފައިވާ ކޭމްޕްގެ ފައިދާ ދިވެހިންނަށް ވަރަށް ރަނގަޅަށް ކުރާނެ ކަމަށެވެ.
މެޑިކަލް ކޭމްޕް ފެށުމަށް މިއަދު ދަމަނަވެށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެގޮތުން ސިމްސް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ އިރު ކުރިއަށް އޮތް ތާގައި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ގިނަ ސްކޮލާޝިޕްތަކުގެ ފުރުސަތު ދެއްވާނެ ކަމަށް ޝަހާރޭ ވިދާޅުވި އެވެ.

މިއަދު ފަށާފައިވާ މެޑިކަލް ކޭމްޕްގެ ދަށުން ޑޮކްޓަރަށް ދެއްކޭނީ ހެނދުނު 09:00 އިން ރޭގަނޑު 07:00 އަށެވެ. ކޭމްޕް ކުރިއަށްދާނީ މިމަހު 21 ގެ ނިޔަލަށެވެ.